ދާދިފަހުން ޑައިރެކްޓަރު ކަރަން ޖޯހަރު އިއުލާނުކުރި ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" އިން ވަރަށް ޚާއްސަ ނެގެޓިވް ރޯލްއަކުން ބަތަލާ ޖަޔާ ބައްޗަން ފެނިގެންދާނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޚަބަރު ލިބޭގޮތުގައި ޖަޔާ ބައްޗަން ފިލްމުގައި ފެނިގެންދާނީ ވަރަށް ނުފޫޒުގަދަ މާމައެއްގެ ރޯލްއިންނެވެ.

މިހާތަނަށް ފިލްމީ ހަޔާތުގައި އެއްވެސް ވަރަކަށް ނުބައިނުބައި ރޯލް ކުޅެފައިނުވާ ޖަޔާއަށް މިރޯލް ހުށަހެޅުމާއެކު ޚުދު އޭނާ އަމިއްލައަށްވެސް ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަންއާ ސުވާލުކުރި ކަމަށްވެއެވެ.

ދަރްމާ ޕްރޮޑަކްޝަންއާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން ޖަޔާ ބައްޗަން މިރޯލް ކުޅުވުމަށް އެއްބަސް ކުރުވުންވެސް ކަރަންއަށް އެހާ ފަސޭހަކަމަކަށް ނުވިއެވެ.

އާއްމު ދިރިއުޅުމުގައިވެސް ވަރަށް ނުފޫޒުގަދަ ވިސްނުމެއް ގެންގުޅޭކަމަށް ގިނަބަޔަކު ގަބޫލުކުރާ ބަތަލާ މިރޯލްކުޅެން އެއްބަސްވެފައިވަނީ ވަރަށް ގިނަ މަޝްވަރާތައް ކުރުމަށްފަހު ކަމަށްވެސް ދަރްމާއިންވަނީ ބުނެފައެވެ.

ޖަޔާ ބައްޗަންގެ އިތުރުން މިފިލްމުގައި ބަތަލާ ޝަބާނާ އަޒްމީވެސް ވަރަށް ތަފާތު ސްޓައިލެއްގައި ފެންނާނެކަމަށް މީގެކުރިންވަނީ ބުނެފައެވެ. އަދި އެކްޓަރު ދަރްމެންދަރުވެސް ފިލްމުގައި ފެނިގެންދާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ކަރަން ޖޯހަރުގެ ފިލްމީ ހަޔާތުގައި އުފެއްދި ވަރަށް ހާއްސަ ފިލްމުތަކުގައި ޖަޔާވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި 2001 ވަނަ އަހަރު އޭނާ ޑައިރެކްޓްކުރި "ކަބީ ޚުޝީ ކަބީ ޣަމް" އަދި 2003 ވަނަ އަހަރު ޑައިރެކްޓްކުރި ފިލްމު "ކަލް ހޯނާ ހޯ" ހިމެނެއެވެ.

ބަތަލާ އާލިއާ ބަޓްއާއި އެކްޓަރު ރަންވީރް ސިންގް މުހިއްމު ރޯލްއިން ފެނިގެންދާ ފިލްމު "ރޮކީ އޯރް ރާނީކާ ޕްރޭމް ކަހާނީ" މިހާރުވެފައިވަނީ އަންނަ އަހަރު ގިނަ ބަޔަކު އެފިލްމަކަށް އެންމެބޮޑަށް އިންތިޒާރުކުރާ އެއް ފިލްމަށެވެ.

ފިލްމު އަދި ރިލީޒްކުރާނެ ވަކި ތާރީޚެއް ކަނޑައެޅިފައެއް ނުވެއެވެ.