ކާމިޔާބު ވެބް ސީރީޒް "ފެމިލީ މޭން" މޭސްތިރިން ކަމަށްވާ ރާޖް ނިދިމޯރް އަދި ކްރިޝްނާ ޑީކޭގެ ކުރިއަށް އޮތް ވެބް ސީރީޒްގެ ނަމަކީ "ފޭކްސް" ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެކްޓަރު ޝާހިދް ކަޕޫރުގެ ފުރަތަމަ ވެބް ސީރީޒް "ފޭކްސް" އަކީ 2014 ވަނަ އަހަރުނެ ފެށިގެން ވުޖޫދަށް ގެންނަން މަސައްކަތް ކުރަމުން އަންނަ ޕްރޮޖެކްޓެކެވެ.

އެމޭޒަން ޕްރައިމް ވީޑީއޯއިން ގެނެސްދޭން ހަމަޖެހިފައިވާ މިސީރީޒްއަކީ ތްރިލަރއެކެވެ.

މީގެކުރިން ޝާހިދް ކަޕޫރު ހިންދުސްތާން ޓައިމްސްއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ، މިހާތަނަށް އޭނާ ބެލި ގިނަ އިންޑިއަން ވެބް ސީރީސްތަކުގެ ތެރެއިން "ފެމިލީ މޭން" އަކީ އޭނާއަށް ވަރަށް ކަމުދިޔަ ސީރީޒްއެއް ކަމަށެވެ.

އެހެންކަމުން މިސީރީޒްގެ އުފެއްދުންތެރިންނާއެކު މަސައްކަތްކުރުމަކީ އަބަދުވެސް ބޭނުންވި ކަމެއް ކަމަށެވެ.

ރާޖް އަދި ޑީކޭގެ ނަމުން ގިނަބަޔަކު ދަންނަ މިދެ ޕްރޮޑިއުސަރުންވެސް ބުނެފައިވަނީ އަބަދުވެސް މަސައްކަތްކުރަނީ އަލަށް ފަށާ ކޮންމެ ވެބް ސީރީޒް ނުވަތަ އުފެއްދުމަކީވެސް ވަރަށްބޮޑު ޗެލެންޖެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރުމަށެވެ.

އަދި "ފޭކްސް" އަކީ އެފަދަ ސީރީޒްއެއް ކަމަށާއި އެކްޓަރު ޝާހިދު ކަޕޫރު ހިމަނައިގެން މިސީރީޒް އުފައްދާތީ ވަރަށް ހިތްހަމަޖެހޭ ކަމަށްވެސް ދެފަރާތުންވަނީ ބުނެފައެވެ.

ޝާހިދް ކަޕޫރުގެ އިތުރުން މިސީރީޒްގައި ދެން ފެނިގެންދާނީ ތަމަޅަ ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ އެކްޓަރު ވިޖޭ ސެތުޕާތީއެވެ.

ޝާހިދު ކަޕޫރުގެ ފުރަތަމަ ވެބް ސީރީޒްއާއެކު މިއީ އެކްޓަރު ވިޖޭ ސެތުޕާތީއާއެކު ޝާހިދު ފެނިގެންދާނެ ފުރަތަމަ ފިލްމީ ޕްރޮޖެކްޓެވެ.

"ޖަބް ވީ މެޓް"، "އުޅްތާ ޕަންޖާބް" އަދި "ކަބީރް ސިންގް" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ އެކްޓަރު ޝާހިދު ކަޕޫރު އެންމެ އަވަހަށް ބެލުންތެރިންނަށް ފެނިގެންދާނީ މިއަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ޖާރޒީ" އިންނެވެ.

ޝާހިދާއިއެކު ފިލްމުގައި ދެން ފެނިގެންދާނީ ބަތަލާ މްރޫނާލް ތާކުރްއެވެ.