ދިރާގާއި ޔޫއެންޑީޕީ މޮލްޑިވް ގުޅިގެން 10 ދުވަހުގެ ފިލްމް މޭކިންގ ވޯކްޝޮޕެއް ފަށައިފިއެވެ.

2017 ވަނަ އަހަރު ދިރާގާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ފެށި "ފިލްމް ފޯ ޗޭންޖް"ގެ މަގްސަދަކީ ފިލްމް މޭކިންގެ ޒަރިއްޔާއިން ޒުވާނުންނާއި، މުޖުތަމައުގެ މެދުގައި އުފެދޭ އިޖުތިމާއީ މައްސަލަތަކަށް ހޭލުންތެރިކުރުވުން ކަމަށް އެފަރާތުން ބުނެއެވެ.

މިއަހަރުގެ މި ސީރީޒް އަމާޒުކޮށްފައިވަނީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވާ މައްސަލަތަކަށް ފިލްމުގެ ޒަރިއްޔާއިން ޒުވާނުން ހޭލުންތެރި ކުރުވުމެވެ.

ޔޫއެންޑީޕީން ބުނީ މި ވޯކްޝޮޕް މެދުވެރިކޮށް ޑޮކިއުމެންޓްރީ ޒާތުގެ ކުރު ފިލްމް އުފެއްދުމަށް ޒުވާނުންނަށް ބޭނުންވާ އުފެއްދުންތެރި އަދި ޓެކްނިކަލް ހުނަރު ލިބިގެންދާނެ ކަމަށެވެ.

މި ވޯކްޝޮޕް ހުޅުވުމަށް މިއަދު ސޯލްޓް ރެސްޓޯރެންޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ މެނޭޖަރ އޮފް ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވީ މި ޕްރޮގްރާމްގެ ޒަރިއްޔާއިން ޒުވާނުންގެ ޝުއޫރު ފާޅުކޮށް އެމީހުންގެ އަޑު އިއްވުމަށް ތަފާތު، އުފެއްދުންތެރި ފުރުސަތެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަދި، މި ފުރުސަތުގެ ދަށުން ޕްރޮގްރާމްގެ ބައިވެރިންނަށް މޫސުމީ ބަދަލުތަކާ ގުޅޭގޮތުން އެމީހުންގެ އަމިއްލަ ޚިޔާލު ފާޅުކުރަން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ބިޝާރާ ވިދާޅުވިއެވެ.

ދިރާގުން ޔޫއެންޑީޕީއަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވާ ޔޫއެންޑީޕީގެ ޑެޕިއުޓީ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ވެރާ ހާކިމް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވަމުންދާ މޫސުމީ ބަދަލާ ބެހޭގޮތުން އައު ޚިޔާލުތަކާއި ވިސްނުމާއި، އެކަން ހައްލުކުރުމަށް އަށަގަންނަވަންޖެހޭ އާދަތައް ޕްރައިވޭޓް އަދި ޕަބްލިކް ސެކްޓަރު ތަކުގައި އަށަގެންނެވުމަށް މީހުން ހޭލުތެރިވުމަށް ޔޫއެންޑީޕީން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.