މޯލްޑިވްސް ޕޮލިޓެކްނިކް އިން ރާއްޖޭގައި ހުންނަ ޖަޕާން އެންބަސީ އާއެކު ގްރާންޓް ކޮންޓްރްކްޓެއްގައި ސޮއިކޮށްފިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަންއެވެ.

ޑރ. އިބްރާހީމް ހަސަން ވަނީ ޖަޕާނުން ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު ހަރުދަނާކޮށްދިނުމަށް ފޯރުކޮށްދޭ އެފަދަ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ އަހުމަދު ނާސިރެވެ. ޖަޕާނުގެ އެންބަސީގެ ފަރާތުން ސޮއި ކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

މިއަދު ސޮއި ކުރި ގްރާންޓް އެގްރީމެންޓްގެ ދަށުން ޕޮލިޓެކްނިކްގެ އެއަރ ކޮންޑިޝަނިންގ އަދި ރިފްރަޖެރޭޝަން ޑިޕާޓްމެންޓްގެ ކިޔަވައިދިނުމާއި އުނގެނުމުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ބައެއް އާލާތްތައް ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ކެއިކޯ ޔަނާއީ ވަނީ ޓެކްނިކަލް އަދި ވޮކޭޝަނަލް ސެކްޓަރު ތަކުގައި ޒުވާނުންނަށް އުނގަންނައިދިނުމުގެ މުހިންމުކަން ފާހަގަކުރައްވާ، ކުރިއަށް އޮތް ތަނުގައި ވެސް ޖަޕާނުން މިފަދަ އެޙިތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.