ވެރިކަމުގެ ނިޒާމު ބަރްލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ތާއީދުކުރައްވާފައި ނުވާނޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހިމް މިހެން ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ ސިޔާސީ ޕާޓީތަކުންވެސް އެއްބަސްވާ ވިސްނުމެއް ކަމަށް ދޭހަވާގޮތަށް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕްގައި ރައީސް ނަޝީދު ލިޔުއްވި މެސެޖަކާ ގުޅިގެން މީޑިއާއިން އެކަމުގެ ޚަބަރުތައް އާންމުކުރަން ފެށުމުންނެވެ.

ރައީސް ނަޝީދު ދާދިފަހުންވަނީ، ސިޔާސީ ބައެއް ޕާޓީތަކުގެ ވެރިންނާ މިކަމާ ގުޅޭގޮތުން ބައްދަލުކުރައްވައި މަޝްވަރާތަކެއް ބާއްވާފައެވެ. އަދި ރައީސް ސާލިހާވެސް މަޝްވަރާ ކުރައްވާފައި ވެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވީ، ރައީސް ނަޝީދުގެ އެދިވަޑައިގަތުމަށް ދާދިފަހުން ރައީސް ނަޝީދާއި މާމިގިލީގައި ބައްދަލު ކުރެއްވި ކަމަށެވެ.

އެ ބައްދަލުވުމުގައި، ޖުމްހޫރީ ޕާޓީއާއި އެމަނިކުފާނުވެސް ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށްކަން ވަރަށް ސާފުކޮށް ރައީސް ނަޝީދަށް ދެންނެވި ކަމަށް ވިދާޅުވިއެވެ.

ހަމަ އެއާއެކު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރްލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ތާއީދު ކުރާނެތޯ ނުވަތަ ނޫންތޯ، އެންމެފަހުގެ ނިންމުން ނިންމާނީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ކަމަށް ދެންނެވި ކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މެސެޖްގައި ވިދާޅުވެފައިވަނީ، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރާއްޖޭގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް، އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ނަގަން ބޭނުންފުޅުވާ ކަމަށެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކައާއި، އެ ވިސްނުމަށް ޕާޓީތަކުން ތާއީދުކުރާ ކަމަށް ރައީސް ނަޝީދު ވިދާޅުވާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ވިދާޅުވީ، އެ ޕާޓީ އޮތީ ވެރިކަންކުރާ ކޯލިޝަންގައި ކަމަށާއި، ވެރިކަމުގެ ދައުރު ހަމަވަންދެން ރައީސް އިބްރާހިމް މުހަންމަދު ސާލިހްއަށް ތާއީދުކުރުންމަތީ ޖުމްހޫރީ ޕާޓީ ދެމިއޮންނާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މީގެކުރިންވެސް އެކި ފަހަރު މަތިންވަނީ، ބަރްލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާނޭ ކަމަށް ވިދާޅުވެފައެވެ.

ޖުމްހޫރީ ޕާޓީގެ މައި މަރުކަޒު، މ. ކުނޫޒްގައި މިއަހަރުގެ އޮގަސްޓްމަހުގެ ފަހުކޮޅު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް ގެންނަން ހެޔޮވާވަރުގެ ނިޒާމެއް ނޫންކަމަށެވެ.

ގާސިމް ވިދާޅުވީ މީގެ މަދު އަހަރުތަކެއް ކުރި ދިވެހިރާއްޖޭގެ ރައްޔިތުން ވަނީ، ރާއްޖޭގައި އޮންނަން ބެނުންވަނީ ޖުމްހޫރީ ނިޒާމެއްކަމަށް ބުނެފައި ކަމަށެވެ.

އެހެން އެކަންއޮށްވާ، މިހާރު މިއޮތް ވެރިކަމުގެ ދައުރު މެދަށް ނުދަނީސް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ބައެއް ފަރާތްތަކުން ބޭނުންވަނީ، އެފަރާތްތަކުގެ އަމިއްލަ އެދުމެއް އޮތުމުން ކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންނަށް އެންމެ ފައިދާ ކުރާނީ ރިޔާސީ ނިޒާމެއް އޮތުމުން ކަމަށާއި، ރިޔާސީ ނިޒާމެއްކަމަށް ވިއަސް، އަދި ބަރުލަމާނީ ނިޒާމެއް ކަމަށްވިއަސް، ވެރިކަން ބިނާވެ އާރާސްތުވެގެންދާނީ، ވެރިކަމަށް އަންނަ މީހެއްގެ ހުރި ތެދުވެރިކަމާއި، އިޚްލާސްތެރިކަމާއި، އެބޭފުޅަކަށް ލިބިފައިހުރި ތަޖުރިބާއެއްގެ މައްޗަށް ކަމަށް ގާސިމް ވިދާޅުވިއެވެ. އެމީހެއްގެ ގައިގައި އެ ފެންވަރު ނެތިއްޖެނަމަ އެ ވެރިކަމެއް ފެއިލްވާނެކަމަށް ވިދާޅުވިއެވެ.

ރިޔާސީ ނިޒާމެއްގައި، ރަޢީސަކށް ހުންނަ މީހަކު މަދުވެގެން އަހަރަކު އެއްފަހަރު ރައްޔިތުމީހާ ގާތަށްގޮސް އެމީހުންގެ ހާލު ބަލަންޖެހޭކަން ފަހަގަކުރައްވާ ގާސިމް ވިދާޅުވީ، ބަރުލަމާނީ ނިޒާމުގައި މިފަދަ ކަންކަން ނޯންނާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އެންމެ ރަނގަޅުވާނީ ރިޔާސީ ނިޒާމުކަން ގާސިމް ވިދާޅުވިއެވެ.

އެހެންކަމުން ބަރުލަމާނީއޭ ކިޔައިގެން ޖަހަންއުޅޭ ދަންތުރައިގައި ޖެހެން ހެޔޮނުވާނެ ކަމަށާއި ބަރުލަމާނީ ގެންނަންއުޅެނީ ގައުމަށާއި ރައްޔިތުންނަށް ހެޔޮއެދިގެން އުޅޭބައެއް ނޫންކަމަށާއި، އެއީ އަމިއްލަ އެދުމުން ފޯވެގެން ކުރާ ކަމެއްކަމަށް ގާސިމް އެދުވަހުގެ ޖަލްސާގައި ވިދާޅުވިއެވެ.