ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމްކޮށްފައިވާ ހައި ކޯޓުގެ ވަކިވަކި ގޮފިތައް އުވާލުމަށާއި ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ތެރެއިން ހަތަރު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ވަނީ ފޮނުވާފައެވެ.

އެއީ، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ފަނޑިޔާރުންގެ ގާނޫނަށް އިިސްލާހު ގެނައުމުގެ ބިލާއި، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރިކުރުމުގެ ބިލާއި، ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

މި ހަތަރު ބިލުގައި ހިމެނޭ ކަންކަން އޭޖީ އޮފީހުން ހިއްސާކޮށްފައިވާއިރު، ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމްކޮށްފައިވާ ދިވެހިރާއްޖޭގެ ހައި ކޯޓުގެ ވަކިވަކި ގޮފިތައް އުވާލުމަށާއި، ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކޯޓުތަކުގެ ގާނޫނަށް އިސްލާހުތައް ގެނައުމަށް ބިލުގައި ހިމަނާފައިވެއެވެ.

ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރ 16 ގައެވެ. ސ. ހުޅުމީދޫ ގައި ހުންނަ ދެކުނު ގޮފިން ބަލަނީ ގއ. ގދ. ޏ އަދި ސ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފުކުރުމަށް ހުށަހެޅޭ މައްސަލަތަކެވެ.

ހައިކޯޓުގެ އުތުރު ގޮފި ހުންނަނީ ކުޅުދުއްފުށީގައެވެ. މި ގޮފި ހުޅުވާފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އުތުރު ގޮފިން ބަލަނީ އ، ހދ، ށ، ނ، ރ، އަދި ބ ގެ މެޖިސްޓްރޭޓު ކޯޓުތަކުން ނިންމާ މައްސަލަތުކުގެ ތެރެއިން އިސްތިއުނާފު ކުރުމަށް ހުށަހެޅޭ މައްސަލަތަކެވެ.

މި ބިލުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުން ރާއްޖޭގައި ގާއިމުވެފައިވާ އަދުލުއިންސާފުގެ ނިޒާމުގައި ހިމެނޭ ޝަރުއީ ކޯޓުތަކާއި އެ ކޯޓުތަކުން ހިންގާ ޝަރީއަތްތައް ހިނގަމުންދަނީ އެ ނިޒާމުގައި ކަންކަން ތަރުތީބުކުރެވިފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން އަދި އެ ކޯޓުތަކަށް ކަނޑައެޅިފައިވާ އިހުތިސޯސްއާއި ބާރުގެ ދާއިރާގެ ތެރޭގައިކަން ކަށަވަރުކުރުމަށްޓަކައި ގާނޫނަށް ބަދަލު ގެންނަން ވަނީ ހުށަހަޅައިފައެވެ.

އޭޖީ އޮފީހުން ބުނީ ފަނޑިޔާރުންގެ ގާނޫނަށް ގެންނަ އިސްލާހުގައި ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ފަނޑިޔާރުންނަށް ލިބިދެވޭ ޗުއްޓީއަކީ އެކަށީގެންވާ މުއްދަތަކަށް ލިބިދެވޭ ޗުއްޓީއެއް ކަމުގައި ކަނޑައެޅުމަށްޓަކައި މި އިސްލާހު ހުށަހަޅައިފައިވާނެ ކަމަށެވެ.

19 ވަނަ މަޖިލީހަށް ސަރުކާރުގެ ފަރާތުން 102 ބިލެއް ހުށަހަޅާފައިވާ އިރު އޭގެތެރެއިން 75 ބިލެއް މިހާރު ވަނީ ފާސްކޮށްފައެވެ.