ފިލްމު "ދަމާކާ" ގެ ޕްރޮމޯޝަންގައި މިވަގުތު އަވަދިނެތި އުޅެމުން އަންނަ އެކްޓަރު ކާރތިކް އަރްޔަންއަށް ދެން އިތުރު ފިލްމެއްގެ މަސައްކަތް ކުރެވޭނީ 6 މަސްދުވަސް ފަހުންކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ކާރތިކް ހަމަސް ދުވަހަށް ހުސްވެފައިވަނީ އޭނާ ދާދިފަހުން ސޮއިކުރި ފިލްމު "ޝެހެޒާދާ" ގެ މަސައްކަތަށެވެ.

ހަބަރު ލިބޭގޮތުގައި ކާރތިކް މިފިލްމުގައި ފެނިގެންދާނީ މިހާތަނަށް އޭނާ ކުޅެފައިވާ ފިލްމުތަކުން ނުފެންނަ ކަހަލަ ތަފާތު ގޮތަކަށެވެ.

ފިލްމުގެ ސެޓްވެސް މިހާރު ފުރިހަމައަށް ތައްޔާރުކޮށްފައި ވާއިރު ކާރތިކް ފިލްމުގައި ފެނިގެންދާގޮތުގެ ސިފަ ލީކްވެދާނެތީވެ އެކަމަށްވެސްވަނީ ފިލްމު ސެޓުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައެވެ.

ކާރތިކްގެ އިތުރުން މިފިލްމުގައި ދެން ފެނިގެންދާނީ ބަތަލާ ކްރިތީ ސެނޮންއެވެ. މިއީ ފިލްމު "ލުއްކާ ޗުއްޕީ" އަށްފަހު ދެތަރިން އެކީގައި ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.

މިދެތަރިންވެސް ފިލްމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ފިލްމު ރިލީޒް ކުރާނެކަމަށް ބެލެވޭ ތާރީޚަކީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހެވެ.

ފިލްމުގެ ކްރޫއިން ކުރިއަށްއޮތް ޝޫޓިންގްއަށް ވަރަށް އަވަހަށް އިންޑިއާގެ ދިއްލީއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެކްޓަރު ކާރތިކްގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކަށް ބަލާއިރު "ކެޕްޓަން އިންޑިއާ"، "ފްރެޑީ"، އަދި ފިލްމު "ބޫލް ބުލައްޔާ-2" ހިމެނެއެވެ.

ކާރތިކް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޝޫޓްކޮށް ނިންމި ފިލްމު "ދަމާކާ" ޕްރިމިއަކުރުމަށް ހަމަޖެހިފައިވަނީ މިހިނގާ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ނެޓްފްލިކްސްއިންނެވެ.

https://www.youtube.com/watch?v=qRESnWFYYho