1970 ގެ އަހަރުތަކުން ފެށިގެން ގިނަ ފިލްމުތަކެއްގައި ވިލެންއެއްގެ ރޯލްކުޅެފައިވާ އެކްޓަރު ޑެނީގެ ދަރިފުޅު ރިންޒިން ޑެންޒޯންގްޕާ ބޮލީވުޑަށް ނިކުންނަން ތައްޔާރުވެއްޖެއެވެ.

ރިންޒިންގް ބޮލީވުޑަށް ތައާރަފްވާ ފިލްމު ގެނެސްދެނީ ވަރުގަދަ އެކްޝަން ފިލްމުތަކެއް ގެނެސްދެމުން އަންނަ ޒީ ސްޓޫޑިއޯއިންނެވެ.

"ސްކޮޑް" ގެ ނަމުން ނަންދެވިފައިވާ ފިލްމުގެ ޕޯސްޓަރު މިހާރު އާއްމުންނަށް ދައްކާލާފައިވާއިރު ޒީ5އިން ފިލްމު ޕްރިމިއަކުރުމަށް ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

މިފިލްމަކީ، ވަރަށް ވަރުގަދަ އެކްޝަން ސީންތަކެއް ހިމަނާފައިވާ ފިލްމެއްކަން މިހާރު ރިލީޒްކޮށްފައިވާ ފިލްމުގެ ޓްރެއިލަރއިން ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ.

ރިންޒިންއާއެކު ދެން ފިލްމުގައި ފެނިގެންދަނީ 2001 ވަނަ އަހަރު ރިލީޒްވި ކަރަން ޖޯހަރުގެ ކާމިޔާބު ފިލްމު "ކަބީ ޚުޝީ ކަބީ ޣަމް" ގައި ހިމެނޭ މަޝްހޫރު ޕޫގެ ކުޑައިރުގެ ކެރެކްޓަރ ކުޅެފައިވާ މަލްވިކާ ރާޖްއެވެ.

ރިންޒިންގެ އިތުރުން ބަތަލާ މަލްވިކާ ރާޖްވެސް ބޮލީވުޑަށް ތައާރަފްކުރާނީ ފިލްމު "ސްކޮޑް" އިންނެވެ.

ނިލޭޝް ޒަހީދާ ސަހޭ ލިޔެ، ޑައިރެކްޓްކޮށް އަދި ޕްރޮޑިއުސްކޮށްފައިވާ "ސްކޮޑް" އަކީ ކުޑަ އަންހެން ކުއްޖެއްގެ ވާހަކައެއް ކިޔައިދޭ ވަތަނީ ފިލްމެކެވެ. މީގެ ކާސްޓްގައި ޕޫޖާ ބަޓްރާ އާއި މޯހަން ކަޕޫރާއި އަމިތު ގޯރްވެސް ހިމެނެއެވެ.

އިންޓަނޭޝަނަލް ކްރޫއެއް ހިމަނައިގެން އުފައްދާފައިވާ މިފިލްމަކީ، ފަހަކަށްއައިސް ރިލީޒްކުރެވުނު އެކްޝަން ފިލްމުތަކުގެ ލިސްޓަށް އިތުރުކޮށްލެވޭނެ ވަރަށް ވަރުގަދަ ނަމެއްކަމަށް ފިލްމުގެ ޑައިރެކްޓަރުވަނީ ބުނެފައެވެ.

ޔޫރަޕް ޤައުމެއްކަމަށްވާ ބެލާރުސްގައި ޝޫޓްކޮށްފައިވާ މިފިލްމުގައި ހޮލީވުޑްގެ ފުންނާބު އުސް ސްޓަންޓް ޑައިރެކްޓަރުން ހިއްސާ ވަރަށް ބޮޑުކަމަށް ރިޕޯޓުތައް ބުނެއެވެ.

އެހެންކަމުން އެކްޓަރު ރިންޒީގެ ފަރާތުން ވަރަށް ތަފާތު މޮޅު ސްޓަންޓް ސީންތައް ފެނިގެންދާނެކަމަށް ޑައިރެކްޓަރުވަނީ ބުނެފައެވެ.

އެގޮތުން ހޮލީވުޑްގެ ފިލްމުތައް ކަމަށްވާ "މޭޑް މެކްސް: ފިއުރީ ރޯޑް" އާއި"ކްލޭޝް އޮފް ދަ ޓައިޓަންސް" ގެ އިތުރުން "ދަ ވިޗާ 3: ވައިލްޑް ހަންޓް" ފަދަ އުފެއްދުންތަކުގެ ސްޓަންޓް ޑައިރެކްޓަރުން "ސްކޮޑް" ގައި މަސައްކަތް ކޮށްފައިވެއެވެ.

ކޮވިޑް19 ގެ ޕެންޑަމިކާ ގުޅިގެން ފިލްމު ފުރިހަމަކުރުމުގައި ގިނަގުނަ ހުރަސްތަކަކާއި ދިމާވިނަމަވެސް އަންނަމ މަހު ފިލްމު ރިލީޒްކުރުމަށް ކުރަންޖެހޭ ހުރިހާ ތައްޔާރީއެއް މިހާރުވަނީ އެއްކޮށް ނިމިފައިކަމަށް ޒީ ސްޓޫޑިއޯއިންވަނީ ބުނެފައެވެ.

ފިލްމުގެ ޑައިރެކްޓަރ އަދި ޕްރޮޑިއުސަރު ނިލޭޝް ސަހޭގެ އުއްމީދަކީ މިފިލްމަކީ އެކްޝަން ފިލްމުތަކަށް އިތުރު ކުރިއެރުންތަކެއް ގެނެސްދިނުމާއެކު ބައިނަލްއަޤްވާމީ ފެންވަރުގެ ބެންޗްމާކެއް ޤާއިމުކުރާނެ ފިލްމަކަށް ފިލްމުވެގެންދިއުމެވެ.

https://www.youtube.com/watch?v=vi9fkJBMdJE