ސައުތު އިންޑިއާގެ މަގުބޫލު ބަތަލާ ރަޝްމިކާ މަންދައްނާ ބޮލީވުޑަށް ތައާރަފްވާ ފިލްމު "މިޝަން މަންޖޫ" ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފިއެވެ.

އެކްޓަރު ސިދާތް މަލްހޯތްރާއާއެކު ރަޝްމިކާ ފެނިގެންދާ މިފިލްމުގައި ފެނިގެންދާނީ ބޭރު ޤައުމެއްގައި އިންޓެލިޖެންސްގައި މަސައްކަތްކުރާ އިންޑިއާ ތަމްސީލުކޮށްދޭ އެޖެންޓެއްގެ ރޯލްއިންނެވެ.

ފިލްމުގެ ޑައިރެކްޓަރުއާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން ކާމިޔާބު ފިލްމު "ޝޭރްޝާހް" ގެ އެކްޓަރު މިފިލްމުން ފެނިގެންދާނީ ވަރަށް ތަފާތު ގޮތަކަށެވެ.

ހަގީގީ ހާދިސާތަކުގެ މައްޗަށް ބިނާކޮށްގެން އުފައްދާ މިފިލްމުގެ ޕޯސްޓަރާއެކު ފިލްމު ރިލީޒްކުރާނެ ތާރީޚްވެސްވަނީ އިއުލާނު ކޮށްފައެވެ. އެއީ މިއަންނަ އަހަރުގެ މެއި މަހު 13 ވަނަ ދުވަހެވެ.

"މިޝަން މަންޖޫ" ގައި ބޮޑަށް ދައްކުވައިދޭނީ 1970 ގެ އަހަރުތަކުގެ ތެރޭގައި ޕާކީސްތާނުގައި ހިނގާފައިވާ ވަރަށް ވަރުގަދަ މިޝަންއެއްގެ ވާހަކައެވެ. އެއަށްފަހު ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރި ގުޅުމަށް އައި ބަދަލުތައްވެސް ވަރަށް ރަގަޅަށް ފިލްމުގައި ދައްކުވައިދޭނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޕްރޮޑިއުސަރު ރޮނީ ސްކްރޫވާލާގެ ޕްރޮޑަކްޝަން ހައުސްއިން އުފައްދާ މިފިލްމުގެ ވާހަކަ ލިޔެ ތައްޔާރު ކޮށްފައިވަނީ މަޝްހޫރު 3 ލިޔުންތެރިންގެ ޚިޔާލު ހިމަނައިގެންނެވެ.

އެކްޓަރު ސިދާތްގެ ކުރިއަށްހުރި ފިލްމީ މަސައްކަތްތަކަށް ބަލާއިރު ޑައިރެކްޓަރު ރޯހިތް ޝެޓީ ޕްރޮޑިއުސްކުރާ ވެބް ސީރީޒްއަކަށް އޭނާ ސޮއިކުރި ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

މިއީ ރޯހިތްއާއި އެމޭޒަން ޕްރައިމް ގުޅިގެން ފެށުމަށް ތައްޔާރުވަމުން އަންނަ ސީރީޒްއެއް ކަމަށްވެސް މީޑިއާތަކުގައިވަނީ ބުނެފައެވެ.

މި ޕްރޮޖެކްޓުގެ އިތުރަށް ސިދާތް ކުޅެން ސޮއިކޮށްފައިވާ ފިލްމަކީ، "ތޭކްން ގޯޑް" އެވެ.

36 އަހަރުގެ އެކްޓަރުގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ އެއްފިލްމަކީ، ދާދިފަހުން އެމޭޒަން ޕްރައިމްއިން ރިލީޒްކުރި ފިލްމު "ޝޭރްޝާހް"އެވެ.