ނ.މާފަރުގައި މިހާރު ކުރިއަށްދާ ނަރުދަމާ ހޮޅި ވަޅުލުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންނަށް، މިދިޔަ މަހުގެ މުސާރަ ދީފައިނުވާތީ، މަސައްކަތް ހުއްޓާލައިފިއެވެ.

މާފަރުގައި ނަރުދަމާ ހޮޅި ވަޅުލުމުގެ މަސައްކަތް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ން ހަވާލުކޮށްފައިވަނީ، އިގްނައިޓް އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.

މި ކަމާއި ގުޅޭގޮތުން، ވީނިއުސް އަށް މައުލޫމާތު ދެއްވަމުން، އެރަށުގައި މަސައްކަތް ކުރަމުން އައި ބައެއް މީހުން ބުނީ، ކޮންމެ މަހެއްވެސް ނިންމާފައި މުސާރަ ދިނުމަށް އެއްބަސްވެފައިވާ ކަމަށާއި، ނަމަވެސް މިއަދާއި ހަމައަށް އައިއިރުވެސް މުސާރައިގެ އެއްވެސް މިންވަރެއް ލިބިފައިނުވާ ކަމަށެވެ.

"މަހަކު 8000 ރުފިޔާގެ މުސާރައަކަށް މި މަސައްކަތް ކުރަނީ. އަޅުގަނޑުމެންވެސް އަނބިދަރިން ތިބޭ. އިގްނައިޓަށް އެމްޑަބްލިއުއެސްސީ އިން ދޭންޖެހޭ އެޑްވާންސް ޕޭމަންޓުވެސް ވަނީ ދީފަ. އެހެންވީމަ، އަޅުގަނޑުމެންނަށްވެސް ލިބެންޖެހޭ ހައްޤު މުސާރަ ދޭންވާނެ"
މުވައްޒަފަކު ބުންޏެވެ

މުސާރަ މައްސަލައިގައި މާފަރުގެ ނަރުދަމާ ހޮޅިވަޅުލުމުގެ މަސައްކަތް މިހާރު ހުއްޓިފައިވާއިރު، މިކާމައި ގުޅިގެން ވީނިއުސް އިން އިގްނައިޓްގެ މެނޭޖިންގެ ޑިރެކްޓަރ، މުހައްމަދު ޝަމްސުއަށް ގުޅުމަށް މަސައްކަތް ކުރިނަމަވެސް ފޯނު ނުނެންގެވުމުގެ ސަބަބުން ޝަމްސުގެ ޖަވާބެއް ލިބޭގޮތް ވަނީ ނުވެފައެވެ. އެހެންނަމަވެސް މިކަމާ ގުޅުންހުރި މައުލޫމާތު ހޯދުމަށް ވީނިއުސް އިން މާފަރު ކައުންސިލަށް ގުޅާލުމުން އެކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ، މުސާރަ މައްސަލައިގައި މަސައްކަތް ހުއްޓާލާފައިވާކަން އެނގިފައިވާކަމަށާއި، މަސައްކަތެއް ކުރުވާފައިވާނަމަ، އެ ފައިސާ ދޭނެ ކަމަށް ޝަމްސު ބުނެފައިވާކަމަށެވެ.

"އަޅުގަނޑަކަށް ނޭނގެ މަސައްކަތް ހުއްޓާލި ކަމެއް. އަޅުގަނޑު އެމީހުންނަށް ވަޒީފާ ދިނީ. ރަނގަޅު ވާހަކައެއް. އަދި މުސާރައެއް ނުދެން. އެކަމަކު މުސާރަ ދޭނެ"
އިގްނައިޓްގެ މެނޭޖިންގެ ޑިރެކްޓަރ، މުހައްމަދު ޝަމްސު

މިކަމާ ގުޅިގެން އެމްޑަބްލިއުއެސްސީން ބުނީ މަސައްކަތް ކުރުމަށްފަހު އެ މަސައްކަތުގެ އުޖޫރަ ނުދޭނަމަ، ކޮންޓްރެކްޓް ބާތިލް ކުރާނެ ކަމަށެވެ.

އަދި މުސާރައިގެ މައްސަލައަކީ ޖެހިގެންވާނެ މައްސަލައެއް ނޫންކަމަށާއި ކޮންމެ ކޮންޓްރެކްޓަރަކަށްވެސް އެފަރާތަށް ލިބެންޖެހޭ ފައިސާ ގަވާއިދުން ދޫކުރަމުން ދާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.