ކުޑަކުދިންނާމެދު ޖިންސީ އަމަލު ހިންގާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ މައުލޫމާތު ކަމާބެހޭ މުއައްސަސާތަކާ ހިއްސާކޮށްފައިނުވާތީ ޓްރީޓޮޕް ހޮސްޕިޓަލްގެ މެނޭޖްމަންޓްގެ ބައެއް ވެރިންގެ މައްޗަށް ދައުވާކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންނާމެދު ޖިންސީ އަމަލުހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅުންހުރި މައުލޫމާތު ޓްރީޓޮޕް ހޮސްޕިޓަލަށް ލިބުމުން، އެ މައުލޫމާތު އެވަގުތު ރިޕޯޓުކުރަންޖެހޭ މުއައްސަސާތަކަށް ރިޕޯޓު ނުކޮށް، އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅި މައްސަލައިގައި ދައުވާ ކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން އެ ހޮސްޕިޓަލުގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަން އެނގިހުރެ އެމައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިނުވާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މި މައްސަލާގައި ދައުވާކުރަން ހުށަހަޅާފައިވަނީ އެ ހޮސްޕިޓަލްގެ "ސްޕެޝަލް ކޮމިޓީ އޮން ވޯކްޕްލޭސް ބުލީން އެންޑް ހެރޭސްމަންޓް" ގެ މެމްބަރުން ކަމުގައިވާ ބ. އޭދަފުށި، ފެންއާރު، އާދިލް މޫސާއާއި، ތ. ގުރައިދޫ، ކޮވެލިގެ، އާމިނަތް ސުހާއާއި، ސ. ހުޅުދޫ، ޑޭޒީވިލާ، ނަދީރާ ނަޖީބުގެ މައްޗަށެވެ.

މިތިން މީހުންގެ މައްޗަށް ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، އެނގިހުރެ ނޭންގުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައަކީ އާންމު ފަރާތަކުން ޕީޖީއަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމު ފުލުހުންނަށް ތަހުގީގުކުރަން އަމުރުކުރައްވައިގެން ހިންގި ތަހުގީގެއްގެ މައްޗަށް ބިނާކޮށް ދައުވާކުރި މައްސަލައެއް ކަމަށްވެސް ޕީޖީން ބުނެއެވެ.