ބޭންކް އޮފް މޯލްޑިވްސް އިން މިއަދު 'ބީއެމްއެލް ސްކޮލާޝިޕް ފަންޑް' ތައާރަފްކޮށްފިއެވެ.

މިއީ 2022 ވަނަ އަހަރު ނޮވެންބަރު މަހު ފާހަގަކުރާ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ފުރުތަމަ ހަރަކާތެވެ. އެގޮތުން މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު ތައާރަފްކުރި ސްކޮލާޝިޕް ފަންޑު މެދުވެރިކޮށް ހުރިހާ ޚަރަދަކާއެކު ރާއްޖޭން ބޭރުން ބޭންކިންގ އަދި ފައިނޭންސްގެ ދާއިރާއިން 3 ދަރިވަރަކަށް ސްކޮލާޝިޕް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ފަންޑަކީ ކޮންމެ އަހަރަކު ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނެހެން ހުނަރުވެރި ދިވެހި ޒުވާނުން މި ދާއިރާއިން ބިނާ ކުރުމުގެ އަމާޒުގައި ހުޅުވާލެވުނު ފަންޑެކެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި އަންނަ އަހަރު ބޭންކުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރާއިރު މިއީ ބޭންކަށް ހާސިލްކުރެވޭ މުހިންމު ލަނޑުދަނޑިއަކަށްވެސް ވެގެންދާނެކަމަށެވެ، މި ދުވަހަށް މަރުހަބާ ކިޔުމުގެ ގޮތުން ފާހަގަކޮށްލެވޭ މުހިންމު ބޮޑެތި ހަރަކާތްތަކެއް ކޮންމެ މަހަކު ހިންގުމަށް ނިންމާފައިވާކަން ޓިމް ފާހަގަކުރެއްވިއެވެ.

" މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި، މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމަށާއި އަގުވަޒަން ކުރުމުގެ ގޮތުން ކުރެވޭ މުހިންމު ކަންތައްތަކެއް. މި ހަރަކާތްތަކުގެ ތެރެއިން މިއަދު ފުރަތަމަ މި އިއުލާން ކުރެވެނީ ބީއެމްއެލް ސްކޮލާޝިޕް ފަންޑް. އަދި މި ހަރަކާތުގެ ޒަރިއްޔާއިން މުޖުތަމައަށް އެހީތެރިވެ ގައުމުގެ މުސްތަގްބަލަށް އިންވެސްޓް ކުރެވޭކަމީ އަޅުގަނޑުމެން ފަހުރުވެރިވާކަމެއް."
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ

މި މުނާސަބަތު ފާހަގަކުރަމުންދާއިރު، މުޖުތަމައަށް ފައިދާހުރި ދާއިރާތަކާއި އިންވެސްޓް ކުރަން ރަނގަޅު ދާއިރާތައް ފާހަގަކޮށް ހިޔާލު ހުށަހެޅުމަށް ބޭންކުން މަރުހަބާ ކިޔާކަމަށާއި، ކޮޕް ސަމިޓްގައި މަޝްވަރާ ކުރެވުނު ކަންތައްތަކާ ގުޅުވައިގެން ތިމާވެއްޓާ ގުޅުންހުރި މުހިންމު ހަރަކާތްތަކެއް ހިމަނާ ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް ހިންގުމަށްވެސް އިސްކަންދޭނެކަމަށް ޓިމް ވިދާޅުވިއެވެ.

ބީއެމްއެލް ސްކޮލާޝިޕް ފަންޑަށް ހުށަހެޅުމާގުޅޭ ތަފްސީލު ފަހުގެ ތާރީހެއްގައި ބީއެމްއެލްގެ ވެބްސައިޓްގައި ހާމަކުރާނެކަަމަށް ބޭންކުން ބުނެއެވެ.