އޮކްޓޫބަރު 2021 ގައި މީރާއަށް 1 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 155.7 އިންސައްތަ އިތުރު އަދަދެކެވެ. އަދި، އޮކްޓޫބަރު 2021 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 39.2 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، އޮކްޓޫބަރު 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު އޮކްޓޫބަރު 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ.

އެގޮތުން، އޮކްޓޫބަރު 2020 އާއި އަޅައިބަލާއިރު، އޮކްޓޫބަރު 2021 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 12 ގުނަ އިތުރުވެފައިވާ ކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ ސަބަބަކީ 2020 ވަނަ އަހަރު ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުންކަމަށް މީރާއިން ފާހަގަކުރެއެވެ. މީގެ އިތުރުން، އާމްދަނީ އިތުރުވުމުގެ އަނެއް ސަބަބަކީ ކުރީގެ މުއްދަތުތަކަށް ލިބެންޖެހޭ ޓޫރިޒަމް ލޭންޑް ރެންޓްގެ ފައިސާ މި މަހުގެ ތެރޭގައި ލިބިފައިވުންކަމަށް މީރާއިން ބުނެއެވެ.

އޮކްޓޫބަރު 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 58.4 އިންސައްތަ ނުވަތަ 584.86 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 11.8 އިންސައްތަ ނުވަތަ 117.96 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 65.11 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 57.16 މިލިއަން ރުފިޔާ ، އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 50.2 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 125.98 މިލިއަން ރުފިޔާ ބިފައިވެއެވެ.

އޮކްޓޫބަރު 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 38.20 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.