ކ. ތުލުސްދޫގައި ހިންގާ ސީޒަން ޕެރަޑައިސް ގެސްޓްހައުސް އަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދެއްކުމަށް ރާއްޖޭގެ ފުޓުބޯޅައިގެ ކުރީގެ ގަދަބާރު އަދި މިހާރު ސަސްޕެންޑް ކޮށްފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މައްޗަށް، ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

2018 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުން 26 ވަނަ ދުވަހާއި ހަމައަށް ނިއު އިން ސީޒަން ޕެރަޑައިސްގެ 19 ކޮޓަރިއަށް ހިފުމަށްފަހު އެތަނަށް ދައްކަންޖެހޭ 146،043.283 (އެއްލައްކަ ސާޅިސް ހަހާސް ސާޅިސް ތިން ރުފިޔާ) އާއި އެތަރުން ހޯދާފައިވާ ހިދުމަތްތަކަށް 171،496.46 (އެއްލައްކަ ހަތްދިހަ އެއްހާސް ހަތަރުސަތޭކަ ނުވަދިހަ ހަ ރުފިޔާ ސާޅިސް ހަ ލާރި) ހޯދުމަށް އެދި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ދެކޮޅަށް ދައުވާކޮށްފައިވަނީ މި ގެސްޓް ހައުސް ހިންގާ ރެފްކޫލް ޓްރެވެލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑުންނެވެ. އެހެންކަމުން ނިއު އިން ރެފްކޫލް ޓްރެވެލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑަށް، ޖުމްލަ 317،539.742 (ތިންލައްކަ ސަތާރަހާސް ފައްސަތޭކަ ތިރީސް ނުވަ ރުފިޔާ) ދެއްކުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ސިވިލް ކޯޓުން ނެރެފައިވާ ދައުވާގެ ޚުލާސާ ބަޔާނުގައި ބުނެފައިވާގޮތުން މި ދައުވާ އަކީ ނިއު އިން ގެސްޓް ހައުސަށް ދަައްކަންޖެހޭ ފައިސާ ދެއްކުމަށް، ނިއު އިން ދީފައިވާ ޗެކަށް، ފައިސާ ނުލިބުމުގެ ސަބަބުން ރެފްކޫލް ޓްރެވެލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ދައުވާއެކެވެ. މިޗެކަށް ފައިސާ ލިބިފައިނުވަނީ ފައިސާ ދެއްކުމަށް ނިއުއިން ދިން ދެ ޗެކު (ނަމްބަރު 301 ޗެކާއި 309 ޗެކު) ނިސްބަތްވާ އެކައުންޓުގައި، ޗެކުގައި ބަޔާންކޮށްފައިވާ މިންވަރަށް ފައިސާ ނެތުމުން އެޗެކު ބައުންސްވުމުގެ ސަބަބުންނެވެ.

މި ބަޔާނުގައި ވާގޮތުން މި މަައްސަލަ ނިންމާ ހުކުމްކޮށްފައިވަނީ ނިއުރޭޑިއަންޓުގެ ޣައިރު ޙާޟިރުގައެވެ. މިގޮތަށް މައްސަލަ ކުރިއަށްގެންދިޔައީ ތަކުރާރުކޮށް ނިއުރޭޑިއަންޓުން މި މައްސަލައިގައި ޖަވާބުދާރީވާނެ ފަރާތަކަށް ކޯޓަށް ޙާޟިރުވުމަށް، ޗިޓު ހަވާލުކުރުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުގެ ސަބަބުންނެވެ. އެގޮތުން މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުގެ ލިޔެކިޔުންތަކުން މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހާއި ހަމައަށް އެކުލަބުގެ އެޑްރެސްކަމަށް ބަޔާންކޮށްފައިވާ ގެއިން، އެގޭގައި ނިއުރޭޑިއަންޓުގެ އޮފީހެއް ނުހުންނަކަމަށްބުނެ ޗިޓާއި ހަވާލު ނުވުމުން، ކުލަބުގެ ޗެއާމަން، މުޙައްމަދު ނަޝީދު އަބްދުﷲ އާއި ޗިޓު ހަވާލުނުކުރެވި، ކުލަބާއި މިހާރު އެއްވެސް ގުޅުމެއް ނޯންނަކަމަށް ވައިސް ޗެއާމަން، ސައްޔިދު އަލީ ބުނުމާއި ގުޅިގެން ނިއުރޭޑިއަންޓުގެ ފަރާތުން ދައުވާއަށް ޖަވާބުދާރީވާނެ އެއްވެސް ފަރާތެއް ހޯދި، ޗިޓު ހަވާލުކުރެވިފައެއް ނުވެއެވެ.

ރެފްކޫލް ޓްރެވެލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑަށް ފައިސާގެ ބޮޑުއަދަދެއް ދެއްކުމަށް ނިއުރޭޑިއަންޓުގެ މައްޗަށް ހުކުމްކޮށްފައިވާއިރު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންވެސް ވަނީ އެފްއޭއެމްގެ އެއްވެސް ގުނަވަނަކުން ހިންގާ އެއްވެސް ކަމެއްގައި އެ ކުލަބަށް ބައިވެރިއެއް ނުވެވޭނެހެން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ނިއުރޭޑިއަންޓް ސަސްޕެންޑް ކޮށްފައެވެ.

އެފްއޭއެމް އިން ނިއު ސަސްޕެންޑް ކުރީ 2018 ވަނަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން ނިއު ސަސްޕެންޑް ކުރި ދުވަހާއި ހަމައަށް 10 ކުޅުންތެރިންނަށް ދޭންޖެހޭ ޖުމްލަ 3.8 މިލިއަން ދިވެހިރުފިޔާއަށްވާ މުސާރައާއި އުޖޫރަ، ނިއު އިން ދައްކާފައިނުވާތީއާއި އެކަމާއި ގުޅިގެން އެކިފަހަރު މަތިން އެފްއޭއެމްގެ ޕްލެޔަރ ސްޓޭޓަސް ކޮމެޓީއަށް ހާޒިރުކުރެވި، މައްސަލަ ހުށައެޅިފައިވާ ކުޅުންތެރިންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް އެތައް މުހުލުތުތަކަކާއި ފުރުސަތެއް ދެވުނުނަމަވެސް އެކަންކަން ކޮށްފައިނުވާކަމަށެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު އަދި އެންމެ ސަޕޯޓަރުން ގިނަ ކުލަބުގެ ގޮތުގައި އޮތް ނިއު އަކީ ފުޓްބޯޅަ އިން އެންމެ ގިނަ ކާމިޔާބު ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ވެސް ހޯދާފައިވާ ޓީމެވެ. އެޓީމު ވަނީ ގައުމީ މުބާރާތުގެ ފައިނަލްގައި 22 ފަހަރު ކުޅެ، 12 ފަހަރު ކާމިޔާބުކޮށްފައެވެ. އެޓީމު ވަނީ ލީގް ޗެމްޕިއަންކަން އެންމެ ގިނަ އިން ހޯދި ޓީމުގެ ޝަރަފް ވެސް ހޯދާފައެވެ. ހަ ފަހަރު ނިއު އިން ލީގް ހޯދާފައިވާއިރު ބޮޑެތި އެހެން މުބާރާތްތައް އެޓީމު ވަނީ އެތައް ފަހަރަކު ހޯދާފައެވެ.