ދެކުނު އޭޝިޔާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އަވަށްޓެރި އިންޑިޔާ އާއި ސްރީލަންކާއަށްވެސް ބޯކޮށް ވާރޭވެހި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެއެވެ.

އިންޑިޔާގެ މޫސުމާބެހޭ އިދާރާއިން ބުނީ ކުރިޔަށް އޮތް ދުވަސްތަކުގައިވެސް އެ ޤައުމުގެ ދެކުނުގެ ސަރަޙައްދުތަކަށް ވާރޭވެހި ބިންގަނޑު ތިރި ސަރަޙައްދުތަކުގައި ފެންބޮޑުވުން އެކަށީގެންވާކަމަށެވެ. ވާރޭވެހުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އިންޑިޔާގެ ޓެމިލް ނާޑޫއަށެވެ. އެ ސްޓޭޓުން 16 މީހުން މަރުވެފައިވާއިރު އެ ސްޓޭޓުގެ ވެރިރަށް ޗެންނާއީގެ ގިނަ ސަރަޙައްދުތަކެއްވަނީ ފެނު އަޑީގައެވެ. އެއާއެކު އެ ސަރަޙައްދުގެ މަދަރުސާތައް ބަންދުކޮށް ގިނަ އަދަދެއްގެ މީހުންވަނީ ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފައެވެ.

ސްރީލަންކާގެ މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އެގައުމަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން 25 މީހުން މަރުވެފައިވެއެވެ. އަވަށްޓެރި ދެގައުމުގައި މޫސުން ގޯސްވެ ހިތާމަވެރި ކާރިސާތަކަކާއި ކުރިމަތިވަމުން އަންނައިރު ކުރިއަށް އޮތް 3 ދުވަހު ރާއްޖެއަށްވެސް މޫސުން ގޯސް ވާނެކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

މޫސުން ގޯސްވެގެން އުޅެނީ ރާއްޖެެއާ ދުރުން އަރަބި ކަނޑާއި ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުންނެވެ.