ބެންކް އޮފް މޯލްޑިވްސްގެ އަހަރީ "ސްޓާފް ޗެރިޓީ ރަން" ބާއްވައިފިއެވެ.

ބީއެމްއެލް އިން ބުނީ ސްޓާފް ޗެރިޓީ ރަން އަކީ މުޖުތަމަޢުއަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް އެ ބެންކުން ބޭއްވި ރަން އެއް ކަމަށެވެ.

ބޭންކުގެ 39 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި މި ދުވުމުގައި ބޭންކުގެ މުވައްޒަފުންނާއި ބޯޑުގެ މެންބަރުން ވަނީ ބައިވެރިވެފައެވެ.

ބީއެމްއެލްން ވަނީ މި ދުވުމުގައި ބައިވެރިވި ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ބިއުޓިފުލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަންގެ ޕްރޮގްރާމްތައް ހިންގުމަށް 80،000 ރުފިޔާ ހަދިޔާކޮށްފައެވެ.

މި އެހީގައި ޑެފް އެސޯސިއޭޝަންއިން ސައިން ލެންގުއޭޖް ކޯސްތައް ހިންގުމަށް ރާވާފައިވާއިރު ބިއުޓިފުލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަނުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި 30 ބިހޭވިއޮރަލް ތެރަޕިސްޓުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ " ކޮންމެ އަހަރަކުވެސް ބާއްވާ "ސްޓާފް ޗެރިޓީ ރަން" އަލުން ފަށާ މި ދުވުމުގެ ސަބަބުން މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކަކަށް އެހީ ފޯރުކޮށްދެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.

މުޖުތަމަޢުއަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާޢަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން އިސްވެ ކުރިއަށްގެންދާ "ބީއެމްއެލް ސްޓާފް ޗެރިޓީ ރަން" އަކީ 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.