އަވައްޓެރި ގައުމުތަކާ ޖެހިގަންނަން ހިންގާ ކެމްޕޭނުތަކަކީ ދިވެހިން ބަދުނާމުކުރަން ކުރާ މަސައްކަތެއް ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އިންޑިޔާ އައުޓް"، "ލަންކާ އައުޓް"، އަދި "ބަނގްލަދޭޝް އައުޓް" ފަދަ ބަސްމަގު ބޭނުން ކޮށްގެން އަވައްޓެރި ގައުމުތަކާއި ޖެހިގަންނަން ހިންގާ ކެމްޕޭނުތަކަކީ ދިވެހިން ބަދުނާމުކޮށް ދުނިޔެ އިން އެކަހެރި ކުރުވަން މަދު ބަޔަކު ހިންގާ ވަރަށް ދަށް ފެންވަރުގެ ހަރަކާތްތަކެއް ކަމަށެވެ.

އެހެން ގައުމެއްގެ ބަޔަކު މޯލްޑިވްސް އައުޓް ގޮވަން ނުރުހޭ ފަދައިން، އެގައުމުތަކުގެ ރައްޔިތުންނަށްވެސް މިފަދަ ކަންކަމުން އަސަރުކުރާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

އަދި މީގެ ނުރަގަޅު އަސަރާ ދިވެހީންނަށްވެސް ކުރިމަތިލާން ޖެހިދާނެ ކަމަށާއި މިފަދަ ކަންކަން ހުއްޓުވެން ވާނެ ކަމަށްވެސް މެމްބަރު ވަހީދު ވިދާޅުވިއެވެ.

މެމްބަރު މިފަދައިން ވިދާޅުވެފައިވާއިރު އިދިކޮޅު ކޯލިޝަނުން އަންނަނީ އިންޑިއާ އާއި ދެކޮޅަށް ކެމްޕެއިނެއް ހިންގަމުންނެވެ.

އެގޮތުން "އިންޑިއާ އައުޓު"ގެ ނަމުގައި ހިންގަމުން ގެންދާ އެ ކެމްޕެއިންގައި އިދިކޮޅުން އަންނަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާއި ދެކޮޅަށް އަޑު އުފުލާ އަދި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިވެސް ކުރަމުންނެވެ.