ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްދު ނަޝީދުގެ ގާނޫނީ ވަކީލް ޖެނިން ކާސްޓީ ބްރިމްލޯއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މުލިޔާގޭގައެވެ.

ރައީސްއާ ބައްދަލުކުރެއްވިކަން ޖެނިން ކާސްޓީ ބްރިމްލޯ ކުރައްވާފައިވީނަމަވެސް ރައީސް އޮފީހުން އަދި އެކަން ހާމަކޮށްފައެއް ނުވެއެވެ.

ޖެނިން ކާސްޓީ ބްރިމްލޯ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރައީސް ސާލިހާއި މަޝްވަރާކުރެއްވީ އޭނާގެ މުވައްކިލު ނަޝީދުއާ ދެކޮޅަށް ހިންގާ ޓެރަރިޒަމްގެ އަމަލުތަކާ ގުޅޭގޮތުންނާއި، މެއި 6ގައި ރައީސް ނަޝީދު އަވަހާރަކޮށްލަށް ދިން ހަމަލާއާ ގުޅޭ ގޮތުންކަމަށެވެ.

ބްރިމްލޯ ވަނީ ރައީސް ސާލިހްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އާއި، އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފްގެ އިތުރަށް މެއި6 ކޮމިޓީއާއިވެސް ބައްދަލުކުރައްވާފައެވެ.

ރައީސް ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓު ހަމަލާގެ ޖިނާޢީ ތަހުގީގު ކުރިއަށްދާގޮތް ބެއްލެވުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އިނގިރޭސިވިލާތުގެ ވަކީލަކު އައްޔަންކުރެއްވީ އޮގަސްޓް މަހުގެ ތެރޭގައެވެ.

މަޖިލިސް ރައީސަށް ދިން ހަމަލާގެ މައްސަލާގައި އެމަނިކުފާނުގެ ފަރާތްޕުޅުން އައްޔަންކުރެއްވި ވަކީލަށް މަޖިލީހުން އެއްވެސް ޚަރަދެއް ނުކުރާނެ ކަމަށްވެސް މަޖިލީހުގެ އިދާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ.

އިންޓަރނޭޝަނަލް ހިއުމަންރައިޓްސް ލޯގެ ތަޖުރިބާކާރެއްކަމުގައިވާ ގައިވާ ކާސްޓީ ބްރިމްލޯގެ މަސައްކަތަކަށް ވާނީ ތަހުގީގު ހިނގަމުން އަންނަ ގޮތް ބަލައި ރާއްޖެއާ ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް މައްސަލައިގެ ތަހުގީގު ގެންދަން އެހީތެރިވެދިނުމެވެ.

މެއި6ގެ ހަމަލާއާއި ގުޅިގެން އެކުލަވާލި ރައީސް ނަޝީދުގެ ގާނޫނީ ޓީމުގައި ބްރިމްލޯގެ އިތުރަށް ދެން ހިމެނިވަޑައިގަންނަވަނީ އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ސައްތާރެވެ.

މެއި6ގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދެވުމަށް ފަހު އެމަނިކުފާނު ރާއްޖެ ވަޑައިގެން މިހާރު ހުންނަވަނީ ދައުލަތުގެ ބެލުމުގެ ދަށުން ހޮޓެލް ޖެންގައެވެ.