މި ކުޑަ ކުޑަ ރާއްޖޭގައި މިހާރު އަބަދުވެސް އަޑުއިވެނީ ކޮންމެވެސް ރަށެއްގައި ނުވަތަ ސުކޫލެއްގައި ނުވަތަ އޮފީހެއްގައި ޖިންސީ ގޯނާކޮށްގެން އުޅޭ ވާހަކައިގެ އަޑެވެ. ހާއްސަކޮށް، އެންމެ އަޑުގަދަކޮށް ދެކެވެނީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރިކަމުގެ ވާހަކައެވެ. ނޫސްތަކުގެ ސުރުހީތަކުން ފެންނަމުންދަނީ "ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ" މިހެން ލިޔެފަ އޮންނަތަނެވެ. މިކަމާމެދު ވިސްނާލަން ނުވޭތޯ؟ މިގޮތަށް ކިތައް ކުދިންގެ ދިރިއުޅުން ހަލާކުވެދާނެތޯ؟ މިއީ ރާއްޖޭގެ ރައްޔިތުންގެ ހިތުގައި އުފެދިފައިވާ އެންމެ އެއް ބޮޑު ސުވާލެވެ.

އައީލާގެ ފަރާތުން، ރައްޓެހިންގެ ފަރާތުން، އަމިއްލަ މައިންބަފައިންގެ ފަރާތުން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ފަރާތުން އަދި ސްކޫލްގައި މައްސަކަތް ކުރާ މުވައްޒަފުގެ ފަރާތުން ޖިންސީ ގޯނާ ލިބޭ ވާހަކަތަކަކީ ފަލަސުރުހީތަކުން މިހާރު އަބަދުވެސް ފެންނަމުންދާ ހަބަރުތަކެކެވެ.

ދެން އިވެން ފެށީ ސަރުކާރުގެ މުއައްސަސާތަކުގެ މަތީ މަގާމުތަކުގައި ތިބޭ ވެރިންނާއި، އައްމިލަ ކުންފުނިތަކުގެ ވެރިން އެތަންތަނުގައި ވަޒީފާ އަދާކުރައްވާ މުއައްޒަފުންނަށް ޖިންސީ ފުރައްސާކުރުމާއި، ޖިންސީ ގޯނާ ކުރާ ވާހަކައިގެ އަޑެވެ.

މިކަމަށް އަޑުއުފުލާ މީހުންވެސް މަދެއްނޫނެވެ. އިންސާފުގެ ދޮރުގައި ޓަކިޖަހާޖަހާ ވަރުބަލިވާއިރުވެސް މިއީ ރާއްޖޭގައި ހުއްޓުމެއް އޮތް ކަމެއް ނޫނެވެ. މިފަދަ މައްސަލަތަކުގައި ހައްޔަރުކުރުމަށް ފަހު، އެމީހުންނަށް ހައްގު އަދަބު ނުދީ މުޖުތަމައުއަށް ދޫކޮށްލަނީ ކޮން ބައެއްގެ އިހުމާލުންތޯ މިއީވެސް ވަރަށް ބޮޑު ސުވާލެކެވެ. ގިނަ ފަހަރު ކުށްވެރިވަނީ ކުށުގެ ޝިކާރައަކަށް ވެގެންދާ ކުއްޖާއެވެ. އެހެން ކުދިންގެ މަލާމާތާއި ފުރައްސާރައިގެ ޝިކާރައަކަށް ވެގެން ދަނީ އަނިޔާ ލިބޭ ކުއްޖާއެވެ.

ރައްޔިތުންގެ މަޖީލިހުން މަކަމަށްޓަކައި ގާނޫނު އިސްލާހުކޮށް ރޭޕް ކުށްތަކާއި ތަހުލީލުކުރެވޭނެ ގޮތްތައް ހަމަޖައްސައިދުނުމުގެ ވާހަކަތަކެއްދެކެވި މަސައްކަތްތަކެއް މިކަމާއި ގުޅިގެން ކުރިއަށް ގެން ގޮސްފައިވީ ނަމަވެސް އިހުމާލުވާ ފަރާތްތަކަށް އަދަބެއް ލިބުނު ވާހަކައެއް ނުވަތަ އަނިޔާ ލިބުނު ފަރާތަކަށް އިންސާފެއް ލިބުނު ވާހަކައެއް އަޑުއިވިފައެއް ނެތެވެ.

ދާދި ފަހުންވެސް ގަލޮޅު ސްކޫލް ކިޔަވަމުންދާ 4 އަހަރުގެ ކުއަޖަކަށް އެ ސްކޫލްގެ މުވައްޒަފަކު ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކޮށް މައްސަލައެއް ވަނީ ފެންމަތިކޮށްފައެވެ. އެ މުވައްޒަފު ހައްޔަރުކޮށް ގިނަ އިރުތަކެއް ނުވެ ވަނީ ދޫކޮށްލާފައެވެ. މި ކަމުގެ ޒިންމާ ނާގަނީ ކޮންބެއްތޯއެވެ.

ފޮޓޯ: އޭއޯ ނިއުސް

ފުލުހުންގެ އިދާރާއާއި މިނިވަން މުއައްސަސާތަކާއި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އިތުރުން ދައުލަތް ހިންގަވަން ތިއްބެވި އިސްވެރިންގެ ޒިންމާއަކީ މިފަދަ ކަންކަން ހުއްޓުވައި ހައްލުކޮށް މިނިވަން، އަމާން މާހައުލެއް ގައުމުގައި ގާއިމްކުރުން ކަމަށްވާއިރު، މިފަދަ މައްސަލަތަކުގައި ހައްގު އަދަބެއް ކަނޑައެޅިފައިނުވުމަކީ ހިތާމަހުރި ކަމެކެވެ.

މިފަދަ އަމަލުތައް ރާއްޖޭގައި ގިނަވަނީ ވަކި ވަރަކަށް ފައިސާ ދީގެން އަދި ނުފޫޒު ފޯރުވައިގެން މައްސަލަތައް އަބުރާލެވޭތީއާއި، ގާނޫނުވެސް ގަނެލެވޭތީކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ޖިންސީ ފުރައްސާރަތަކާއި ގުޅޭ ފޯން ކޯލްތަކާއި، ވީޑިއޯތަކާއި، ލިޔުންތަކާއި، ފޮޓޯތައް ފަދަ ތަކެތި އާންމުވެސް ވެއެވެ. ނަމަވެސް މިއިން އެއްވެސް ކަމެއްގެ ހިލަމެއް އެއްވެސް ބަޔަކަށް ނުވާކަހަލައެވެ.

ރާއްޖޭގައި ޖިންސީ ގޯނާގެ އަމަލުތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، މިފަދަ ކަންކަން ހުއްޓުވޭނީ އިހުމާލުވާ ފަރާތްތައް ބިރުގަންނަ ފަދަ އަދަބެއް ކަނޑައެޅުމުންކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު، އަދަބު ކަނޑައަޅަން ތިބި ފަރާތްތަކުން މިކަމަށް މަސައްކަތްނުކުރަނީ ކީއްވެތޯ މިއީ ދިވެހިންގެ ވަރަށް ބޮޑު ސުވާލެކެވެ.