ހުޅުމާލޭގައި ހުޅުވި ފައްވާރުގެ ބޮޑުބައި ނިންމާފައިވަނީ ކުރީ ސަރުކާރުގައި ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހުޅުވި ފައްވާރުގެ މަސައްކަތް ހިންގާފައިވާ ގޮތާ ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައެވެ.

ޑރ. މުޢިއްޒު ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ފައްވާރު ހެދުމަށް ޕްލޭންކޮށް، އެއްބަސްވުމުގައި ސޮއިކޮށް، އަމަލީ މަސައްކަތް ފެށުނީ 2017 ވަނަ އަހަރު ކަމަށެވެ.

2018 ވަަނަ އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް އެ މަސައްކަތުގެ 80 އިންސައްތަ ހުރީ ނިމިފައި ކަމަށާއި އޭގެ ފަހުން ސަރުކާރު ބަދަލުވެ، މަޝްރޫޢު ނިންމައި ފައްވާރާ ހުޅުވޭވަރުމިވީ ވަރަށް ބޮޑު ލަސްވުމަކާ އެކުގައިކަން މުޢިއްޒު ފާހަގަކުރެއްވިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހުޅުވި ފައްވާރަކީ 20،021 އަކަފޫޓުގެ ސަރަޙައްދެއްގައި ތަރައްގީކޮށްފައިވާ ފެންއަރުވާވަޑާމެކެވެ.

މި ފައްވާރާގައި ވަނީ މިއުޒިކާއި އެކި ކުލަކުލައިގެ ލައިޓާ އެއްވަރަށް ފެންގަނޑުގެ ހަރަކާތްތައް ޕްރޮގްރާމް ކުރެވިފައެވެ.

އެގޮތުން 15 މީޓަރަށް ފެންގަނޑު ހިއްލެއެވެ.