"މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)"ގެ މެޗްޑޭ-2 ގައި ލަންކާ އަތުން ސީޝެލްސް މޮޅުވުމާއެކު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސީޝެލްސްގެ މައްޗަށް ކުރިހޯދައިގެން ފައިނަލުގައި ކުޅުމުގެ ފުރުސަތު ރާއްޖެ އަށް ފަހިވެއްޖެއެވެ.
ދެ ފެޑެރޭޝަނަކުން ހަތަރު ގައުމު ބައިވެރިވާ މި މުބާރާތުގައި މިހާތަނަށް ކޮންމެ ގައުމަކުންވެސް ދެމެޗު ކުޅެފައިވާއިރު، ރާއްޖެ ކުޅުނު ދެމެޗުގެ ތެރެއިން އެއްމެޗުން އެއްވަރުވެ އަނެއްމެޗުން ވަނީ ބަލިވެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި މުބާރާތް ހޯސްޓުކުރާ ސްރީލަންކާ އާއި ދެކޮޅަށްކުޅެ 4-4 އިން އެއްވަރުވިއިރު ދެވަނަ މެޗުގައި ރާއްޖެ ބަލިވީ ބަންގްލަދޭޝް އަތުން 1-2 ގެ ނަތީޖާއަކުންނެވެ.
މިއީ ފާއިތުވީ 18 އަހަރުގެ ތެރޭގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އަދި ފުޓުބޯޅައިގައި ބަންގްލަދޭޝް އިން އަބަދުވެސް އެންމެ ބަލިކުރަން ބޭނުންވާ ގައުމަކީ ރާއްޖެކަމަށް އެގައުމަށް އިރުޝާދުދޭ ކޯޗުން ތަކުރާރުކޮށް ބުނަމުންދާއިރު މިއީ އެގައުމުން ފުޓުބޯޅައިގައި ހާސިލްކުރަން ބޭނުންވާ މައި އެއް ޓާގެޓު ހާސިލްވުންކަމަށް ގަބޫލުކުރެވެއެވެ.
ބަންގްލަދޭޝް އިން ރާއްޖެ އެންމެ ފަހުން ބަލިކޮށްފައިވަނީ 2003 ވަނަ އަހަރު އެ ގައުމުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައެވެ. އޭގެފަހުން މި ދެ ޓީމު ބައްދަލުކުރި އެއްވެސް ފަހަރަކު ދިވެހި ޓީމުގެ މައްޗަށް ކުރިއެއް ނުހޯދެއެވެ.
ބަންގްލަދޭޝް އަތުންވީ ބައްޔާއެކު ދިވެހި ޓީމަށް ފުރުސަތު ހަނިވެ ހޮނިހިރު ދުވަހުގެރޭ ސީޝެލްސް އާއި ލަންކާ މެޗަށް އިންތިޒާރުކުރަން ޖެހުނުއިރު، އެމެޗުން ލަންކާގެ މައްޗަށް 0-1 އިން ސީޝެލްސް ކުރިހޯދުމާއެކު އަނެއްކާވެސް ރާއްޖެ އަށް އަމިއްލަ ބާރުގައި ފައިނަލް މެޗަށް ދަތުރުކުރުމުގެ ފުރުސަތު މިވަނީ ފަހިވެފައެވެ. އެހެންނަމަވެސް މިފުރުސަތު ލިބޭނީ މެޗްޑޭ-3 ގައި ސީޝެލްސްގެ އާއި ދެކޮޅަށް މޮޅުކުޅުމެއް ދައްކާ އެގައުމު ބަލިކޮށްގެންނެވެ.
ސީޝެލްސްގެ މައްޗަށް ރާއްޖެއިން 0-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންވެސް ފައިނަލްގެ ޖާގައެއް ކަށަވަރުކުރެވޭނެއެވެ. ރައުންޑް ރޮބިން އުސޫލަށް، ކޮންމެ ޓީމެއް، ކޮންމެ ޓީމަކާއި ކުޅެގެން އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމެއް މުބާރާތުގެ ފައިނަލުގައި ކުޅޭއިރު، މި މުބާރާތުގެ ގަވައިދުގައިވާ ގޮތުން، ޕޮއިންޓުގެ ގޮތުން ދެޓީމެއް އެއްވަރުވެއްޖެ ހާލަތެއްގައި ދެން ބަލާނީ ފައިދާ ގޯލުން ކުރިލިބޭ ޓީމަކަށެވެ.
މިހާތަނަށް ކުޅުނު ދެމެޗުން 4 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ލިބެނީ ބަންގްލަދޭޝް އަށެވެ. ދެވަނައިގައި ހަމަ އެއަދަދަށް ޕޮއިންޓު ހޯދައިގެން ސީޝެލްސް އޮތްއިރު ބަންގްލަދޭޝް އަށް ކުރިލިބެނީ ޖަހާފައިވާ ގޯލުގެ ތަފާތުންނެވެ. މި ދެޓީމުގެ ފައިދާ ގޯލުވެސް ވަނީ އެއްވަރެވެ. ތިންވަނައިގައި ރާއްޖެ 1 ޕޮއިންޓާއެކު އޮތްއިރު ފުލުގައި އޮތީ މުބާރާތް އިންތިޒާމުކޮށް ބާއްވާ ސްރީލަންކާއެވެ.
ބަލިވެގެން ފައިނަލަށް ދާނެ ގޮތެއް ނެތްތަ؟