އުރީދޫ މޯލްޑިވްސްގެ އައު ކޮމާޝަލް އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިއަދު އިފްތިތާހް ކޮށްފިއެވެ.

ހުޅުމާލޭގައި ތަރައްގީކުރާ މި އިމާރާތަކީ 11 ބުރީގެ އިމާރާތެކެވެ.

އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް އިފްތިތާހް ކޮށްދެއްވާފައިވަނީ އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ނަޖީބް ހާންގެ އިތުރުން އެ ކުންފުނީގެ މެނޭޖްމެންޓް ޓީމްގެ މެމްބަރުންގެ ހާޒިރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރިދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ، ހުޅުމާލޭގައި އަލަށް އަޅާ އުރީދޫގެ އިމާރާތަކީ، އެ ކުންފުނީގެ ކާމިޔާބަށް އިތުރުކުރެވޭ ބޮޅެއް ކަމަށާއި، އެއީ ހަމައެކަނި އޮފީހެއް ނޫން ކަމަށެވެ. އަދި، އެތަން ވެގެންދާނީ އުރީދޫގެ މުވައްޒަފުން އެތަނަށް ގޮސް ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރާނޭ ތަނަކަށް ކަމުގައިވެސް ނަޖީބް ވިދާޅުވިއެވެ.

މީގެއިތުރުން، މި އިމާރާތުގައި އަލަށް އުރީދޫގެ މުވައްޒަފުންނަށް ރެކްރިއޭޝަނަށް ޚާއްސަ ތަނަކާއި މުވައްޒަފުންގެ ދަރިން ބަލާނޭ ޑޭ ކެއަރ ސެންޓަރެއްވެސް ހުންނާނެއެވެ. މިއީ މިގޮތަށް އިމާރާތްކުރާ ފުރަތަމަ އޮފީހެވެ.

އަދި، އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ގެ ވަސީލަތްތަކުގެ އިތުރުން، މުވައްޒަފުންނަށް އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ކުރިއެރުމަށް މަގުފަހިވާފަދަ ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމްކުރވިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.