ހުކުމް ތަންފީޒުކުރުން ފަސްކުރި ނަމަވެސް، ހުކުމާ އެއްގޮތަށް ކޯޓަށް ފައިސާ ދެއްކުމަށް ފުރަތަމަ ފަހަރަށް ހައި ކޯޓުން އަމުރުކޮށްފިއެވެ.
މަދަނީ މައްސަލަތަކުގައި ފައިސާ ދައްކަން ކުރާ ހުކުމްތައް އިސްތިއުނާފު ކޮށްފިނަމަ، އިސްތިއުނާފުގެ މައްސަލަ ނިމެންދެން އެ ހުކުމަކަށް އަމަލު ކުރުން ފަސްކުރަމުން އައިސްފައިވާއިރު، މީގެކުރިން އެ މުއްދަތުގައި ފައިސާ ދައްކާކަށް ނުޖެހެއެވެ.
ނަމަވެސް ފައިސާ ދައްކަން ކުރާ ހުކުމްތައް ތަންފީޒު ކުރުން ފަސް ކުރިޔަސް، ހުކުމާ އެއްގޮތަށް ކޯޓަށް ފައިސާ ދައްކަން އެންގިދާނެ ކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ވެއެވެ.
މި އަމުރު ހައި ކޯޓުން ނެރެފައިވަނީ ޏ.ފުވައްމުލައް ނިއާ، ދޫޑިގަން، ނިޒާރު އަހުމަދު, ވާދީ ޓްރޭޑާސް ޕްރައިވެޓް ލިމިޓެޑްއާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި ފައިސާގެ މައްސަލައެއްގައެވެ.
އެގޮތުން ދަށު ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް ފަހު، ހުކުމް ތަންފީޒު ފަސްކުރުމުގެ އަމުރަކަށް އެދުމުން ދަށު ކޯޓުގެ ހުކުމާ އެއްގޮތަށް ދަށު ކޯޓަށް ފައިސާ ދައްކަން ޖެހޭނެ ކަމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ.
ނަމަވެސް ހައި ކޯޓުން އިސްތިއުނާފްގެ މައްސަލަ ނިމެންދެން ނުވަތަ ވަކި ގޮތެއް ކަނޑައަޅަންދެން އެ ފައިސާ ދޫނުކޮށް ހިފަހައްޓަން ދަށު ކޯޓަށް އަންގާ ކަމަށް ހައި ކޯޓުން ނެރުނު އަމުރުގައިވެއެވެ.
ސުޕްރީމް ކޯޓުން ނެރުނު ޕްރެޓިސް ޑައިރެކްޝަނާ އެއްގޮތަށް ކޯޓަށް ދައްކާ ފައިސާ ދެއްކުމަށް އަމުރުކޮށް, އެ ފައިސާ މައްސަލާގައި ހައިކޯޓުން ގޮތެއް ކަނޑަނާޅަނީސް އެއްވެސް ފަރާތަކަށް ދޫނުކުރުމަށް ސިވިލް ކޯޓުގެ މައްޗަށް ހައި ކޯޓުން ވަނީ އަމުރުކޮށްފައެވެ.