ހައުސިން ޔުނިޓު އަޅައިދިނުމަށް ކަމަށްބުނެ އެތައް ބަޔެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި ހައްޔަރުކޮށްފައިވާ، ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) އަލުން ހައްޔަރުކުރުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އެއްބަނޑު ދެބެން (އަންހެން ކޮއްކޮ އާއި ދައްތަ) ޖާމިނު ކުރުމަށްފަހު, ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާ އައްމަޓީ ބަންދުކުރަން ހުކުމް ކުރީ ކްރިމިނަލް ކޯޓުން ކުރި އަމުރު، ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ޝަރީއަތް ނިންމުމަށް ފަހުއެވެ.

އިސްތިއުނާފު މައްސަލަ ބެލުމަށްފަހު މިއަދު ހައިކޯޓުން ކުރި ހުކުމުގައިވަނީ މައްސަލައިގެ ބާވަތުން އައްމަޓީ ދޫކޮށްލައިފައި ނުބެހެއްޓޭނެކަމަށެވެ. އަދި ދޫކޮށްލައިފައި ހުންނަނަމަ ފިލައިގެން ދިޔުމުގެ ފުރުސަތު އޮތްކަމަށް ވެސް ހުކުމުގައިވެއެވެ. މީގެ އިތުުރުން މީގެކުރިން އޭނާ ހޯދުމަށް ރެޑް ނޯޓިސް ނެރުމުން ވެސް އޭނާ ރާއްޖެ އައިސްފައިވަނީ ގިނަ ދުވަސްތަކެއް ފަހުންކަމަށް ވެސް ހުކުމުގައި އޮތެވެ.

އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

ސީލައިފްއިން އެޕާޓުމެންޓު ވިއްކާނެކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނަގައި ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުނު މައްސަލައިގައި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރުނެވެ.

އޭނާ ހޯދައިގެން ހައްޔަރުކޮށް ރާއްޖެ ގެނައީ މި އަހަރުގެ މާޗު މަސް ތެރޭގަ އެވެ. ލަންކާ އިން ގެނައުމަށް ފަހު އައްމަޓީ ހުރީ ބަންދުގައެވެ.

ނަމަވެސް އެ މައްސަލައަކީ ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫން ކަމަށް ބުނެ ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލީ މިދިޔަ ޖޫން މަހުގެ 17 ވަނަ ދުަވަހުއެވެ.

އެ މައްސަލަ ހައިކޯޓުން އިސްތިއުނާފު ކުރީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށާއި، ޝަރީއަތަށް ހާޒިރުނުވެ ފިލުމުގެ ފުރުސަތު އޮތް ކަމަށް ބުނެއެވެ.

ހިޔާނާތްތެރިވީ މައްސަލައިގައި އައްމަޓީގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލައިފައެވެ. މިހާރު ގާނޫނުތައް ހުރި ގޮތުން، އެ ދައުވާތައް ސާބިތުވެއްޖެނަމަ އައްމަޓީގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.