ބަންދުގެ ޝަރުތުތައް ފުރިހަމަކުރި އެއްވެސް މީހެއްގެ ޕާސްޕޯޓް ހިފާއްޓާފައި ނުވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، މިނިސްޓަރ އިމްރާނާއި ލިޔުމުން ޖަވާބު ހޯދަން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މެމްބަރު އީވާ ވަނީ، ވަކި މުއްދަތެއްގައި ގޭބަންދުގައި ހުރުމަށްފަހު، ރަށު ބަންދަށް ނުވަތަ ޖަލުން ރަށު ބަންދަށް ދޫކޮށްފައިވާ ފަރާތްތަކަށް ގިނަ އަހަރުތަކެއް ވެގެންދާއިރުވެސް ޕާސްޕޯޓް ހިފަހައްޓާފައިވާއިރު، މިކަމަށް ހައްލެ ނުލިބި ގިނަ ދުވަސްވެގެންދަނީ ކިހިނެއްވެގެންތޯ މިނިސްޓަރާ ސުވާލުކުރައްވާފައެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވެފައިވަނީ ގޭބަންދަށް ނުވަތަ ރަށު ބަންދަށް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރަތްތަކުގެ މައްޗަށް ކުރެވިފައިވާ ޝަރުތުތައް ފުރިހަމަކޮފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ޕާސްޕޯޓް ހިފޭއްޓިފައި ނުވާނެކަމަށެވެ.

ނަމަވެސް ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ދޫކޮށްލެވުނު ފަރާތްތަކުގެ ތެރެއިން އެފަރާތްތަކާއެކު ވެވުނު ޝަރުތުތަކާއި ހިލާފުވުމުގެ ސަބަބުން ހުކުމަށް އަލުން ރުޖޫއަކުރަން ޖެހޭ ފަރާތްތައްވެސް ހިމެނޭގިތަށް ހުކުމް ތަންފީޒުކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާއި ހުރެ މުޖުތަމައުއަށް ދޫވެފައި ހުރި އެކި ފަރާތްތަކުގެ ޕާސްޕޯޓުތައް ހިފާއްޓާފައިވާކަމަށެވެ.

މީގެއިތުރުން ޕާސްޕޯޓް ހިފޭއްޓިފައިވާ ފަރާތްތަކުގެ ތެރޭގައި ޑްރަގް ފަރުވާ ފުރިހަމަނުކުރުން ނުވަތަ ދަރަނި އަދާނުކުރުން ފަދަ މައްސަލަތަކުގައި ގައިރު ހާޒިރުގައި ހުކުމްކޮށްފައިވާ ފަރާތްތައްވެސް ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހުރިހާ ފަރާތްތައްކެެއްގެވެސް ޕާސްޕޯޓް ހިފޭއްޓިފައިވަނީ އެފަރާތްތަކުން ތަންފީޒުކުރަންޖެހޭ ހުކުމްތައް ހުރުމުންކަމަށާއި، އަދި މިފަދަ ފަރާތްތައް ލިސްޓުކުރެވިފައިވާއިރު، އޭގެތެރޭގައި ވަރަށް ގިނަ އަދަދެއްގެ މީހުން ހިމެނޭކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މިފަދަ ފަރާތްތަކުގެ ތެރެއިން އިތުރު ކުށަކަށް އަރައިނުގަނެ ގިނަ ދުވަސްތަކެއް ވެފައިވާ ފަރާތްތައް ހިމެނޭއިރު، އެފަދަ ފަރާތްތަކުގެ މައްޗަށް އިއްވާފައިވާ ހުކުމްތައް މިހާރު ތަންފީޒުކުރަން ފެށުމަކީ އެންމެ މަސްލަހަތު ހުރި ގޮތްކަމަށް ނުފެންނާތީ، މިފަދަ ހާލަތެއް މެދުވެރިވެފައިވާ ހުރިހާ ފަރާތްތަކަށްވެސް އަދުލުވެރި ހައްލެއް ހޯދައިދިނުމަށް މައްސަކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން، އިތުރު ކުށަކަށް އަރައިނުގަނެ، ވަޒީފާއަށް ގޮސް އާއިލާއާއެކު ހަރުދަނާ ދިރިއުޅުމެއް އުޅެމުންދާ ފަރާތްތަކުގެ މައްޗަށް އަހަރުތަކެއްގެ ކުރިން ކޮށްފައިވާ ހުކުމެއް ތަންފީޒުކުރުމަށް ޖަލަށް ގެނައުމަކީ މީހުން ރިހެބިލިޓޭޓްކޮށް މުޖްތަމައަށް ނެރުމަށް ބާރުއެޅުމަށް މިނިސްޓްރީން ގެންގުޅޭ ރުޖޫއީ އިންސާފުގެ ފަލްސަފާއާ ހިލާފު އަދި އެކަމުގެ ސަބަބުން ދައުލަތުންނާއި އެފަދަ ފަރާތްތަކުގެ އާއިލާތަކުންވެސް ތަކުލީފުތަކެއް އުފުލަން ޖެހޭނެ ކަމެއް ކަމުގައިވާތީ، މިފަރާތްތަކުގެ މައްޗަށް ކުރެވިފައިވާ ހުކުމްތަކާމެދު ޤާނޫނީ ގޮތުން އަމަލުކުރެވިދާނެ ގޮތްތަކެއް ދެނެގަތުމަށް ކަމާގުޅުން ހުރި މުއައްސަސާތަކާއެ މަޝްވަރާ ކުރަމުންދާކަމަށް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ.