ފަނޑިޔާރެއްގެ ޒާތަށް ނިސްބަތްވާ ގޮތަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ ޓްވީޓަކުން ކޯޓުގެ ހުރުމަތް ކެނޑިއްޖެ ކަމަށް ކަނޑައަޅައިފިއެވެ.

ހައި ކޯޓުން އިއްޔެ އިއްވި ސީލައިފްގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ކަފާލާތުގެ ދަށުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލައިގެ ހުކުމްގައި، ޕީޖީ ޝަމީމް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ދައްކަވާފައިވާ ވާހަކަތަކަށް ވަނީ ރައްދު ދެއްވާފަ އެވެ. އެއީ އެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވި ފަނޑިޔާރު ހަސަން ސައީދަށް ނިސްބަތްވާ ގޮތަށް ޝަމީމް ކުރެއްވި ޓްވީޓްތަކެކެވެ.

އެ ހުކުމްގައި ވަނީ ޕްރޮސިކިއުޝަންގެ ފަރާތުން އާންމުކޮށް ކޮށްފައިވާ ކޮމެންޓްތަކެއް ކަމަށް ބުނެ ހުށަހެޅި ލިޔުންތަކެއް އެ މައްސަލައިގައި ހިމެނިފައިވާ ކަމަށެވެ. އެފަދަ ކޮމެންޓްތަކަކީ ތަރުހީބު ދެވޭނެ ކަންކަން ނޫން ކަމަށާއި އަދި އެއީ ހުޅުވިގެންވާ ޑިމޮކްރެޓިކް މުޖްތަމައަކުން ގަބޫލު ކުރާ އުސޫލަކަށް ވާނެ ކަމަކަށް ވެސް ބަލައި ނުގަނެވޭ ކަމަށެވެ.

ވަކިވަކި ފަނޑިޔާރުންގެ ޒާތަށް ނިސްބަތްވާ ގޮތަށް ސޯޝަލްމީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން، ފުރައްސާރައަކަށް ވެދާނެ ގޮތަކަށް ކަންކަން ކުރުމާއި، މައްސަލައިގެ މައުޟޫޢު ކޯޓުގައި ހިނގަހިނގައި އޮތްވައި، އެ މައުލޫގައި ކޯޓުން ބޭރުގައި ވަކިގޮތަކަށް އާންމުކޮށް ވާހަކަ ދެއްކުންފަދަ ކަންކަމަކީ ގާނޫނު ދައްކާފައިވާ މަގެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން މުހައްމަދު ނިޔާޒުގެ ރައުޔުގައި ވިދާޅުވި އެވެ.

ޝަމީމް ކުރެއްވި ޓްވީޓުގައިވާ ވާހަކަތައް ފާހަގަ ކުރައްވައި ފަނޑިޔާރު ވިދާޅުވެފައި ވަނީ އެއީ ހުޅުވިގެންވާ ޑިމޮކްރެޓިކް މުޖްތަމައުތަކުން ގަބޫލު ކުރާ އުސޫލެއް ކަމަށްވާ ސަބްޖުޑިސީ ރޫލް އާ ކަނޑައެޅިގެން ފުށުއަރާ ގޮތަށް އޮތް ކޮމެންޓެއްކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ހުކުމްގައި ބުނެފައި ވަނީ، ފަނޑިޔާރަކު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ނަމަ ހައިކޯޓުގައި އަދި ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. މައްސަލައެއް ނިންމުމުގައި ފަނޑިޔާރަކަށް ގޯސް ހެދުން އެކަށީގެންވާ ކަމަށެވެ.

ފަނޑިޔާރަކު އޭނާއަށް ލިބިދީފައިވާ އިހްތިޔާރެއް ބޭނުން ކުރުމަކީ ވަކި ފަރާތަށް ޖެހުން ނުވަތަ އަދުލުވެރިނުވުން ކަމުގައި ދެކިގެން ނުވާނެ ކަމަށް ވެސް އެ ކުހުމުގައި ވަނީ ބުނެފަ އެވެ. އަދި ފަނޑިޔާރުގެ ނިންމުމަކާ ގުޅިގެން ވަކި ހަސްމަކު ހިތްހަމަނުޖެހުމަކީ ތަބީއީ ކަމެއް ކަމަށެވެ. ނަމަވެސް އެ ފަނޑިޔާރަކީ ވަކި ކޮޅަކަށް ބުރަވެ މައްސަލަ ނިންމަވާ ފަނޑިޔާރެއްކަން ދޭހަވާ ބީދައިން ވާހަކަދެއްކުމަކީ ފަނޑިޔާރާއި ފަނޑިޔާރުގޭގެ އިތުރުބާރު ގެއްލޭނެ ކަމެއް ކަމަށެވެ.