ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިހާރު ކުރިއަށްދާ ސައުތް އޭޝިއަން ބާސްކެޓްބޯޅަ މުބާރާތް (ސާބާ)ގެ ހަވަނަ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ މައްޗަށް އިންޑިއާއިން ކުރިހޯދައިފިއެވެ.

އަންގާރަ ދުވަހުގެ ހެނދުނު ކުޅުނު މިމެޗު އިންޑިއާއިން ކާމިޔާބުކުރީ 31-88 ޕޮއިންޓުންނެވެ.

މުޅި މެޗުގައިވެސް އިންޑިއާއިން ވަނީ ތަފާތު މޮޅު ކުޅުމެއްދައްކާފައެވެ. މިމެޗުގެ ފުރަތަމަ ކުއާޓަރ އިންޑިއާއިން ކާމިޔާބުކުރީ 4-26 އިންނެވެ. އަދި ދެވަނަ ކުއާޓަރު ނިންމާލިއިރު އިންޑިއާ ކުރީގައި އޮތީ 54-11 އިންނެވެ. އޭގެ ފަހުން ރާއްޖޭން މި މެޗުގައި ގިނަ ބަދަލުތަކެއް ގެނައި ނަމަވެސް، އިންޑިއާއިން ވަނީ އަނެއް ދެ ކުއާޓަރުގައިވެސް ލީޑު ދަމަހައްޓާފައެވެ. އެގޮތުން 71-22 އިން އިންޑިއާ ކުރީގައި އޮވެ ތިންވަނަ ކުއާޓަރު ނިންމާލިއިރު، ފަހު ކުއާޓަރު ނިމުނުއިރު އިންޑިއާ ކުރީގައި އޮތީ 88-31 ޕޮއިންޓުންނެވެ.

އަނިޔާގެ ގިނަ މައްސަލަތަކަކާއިއެކު ރާއްޖެއިން މުބާރާތާއި ކުރިމަތިލިއިރު ރިޝްފާން ރަޝީދު (ކޮކީ) އާއި އަހުމަދު ފިރާޝްއަށް ވަނީ މި މުބާރާތް ގެއްލިފައެވެ. އެހެންނަމަވެސް މެޗާއި ކުރިމަތިލިއިރު ދިވެހި ޓީމަށް ލިބުނު އެއް ހިތްހަމަޖެހުމަކީ އަނިޔާގެ ސަބަބުން ގައުމީ ޓީމުގެ ކެޕްޓަން އަހުމަދު ޒަބީރު (ޒަބީ) އަށް މި މެޗުގައި ނުކުޅެވޭނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް ރިކަވާވެގެން ޒަބީ ވަނީ މެޗުގައި ކުޅެފައެވެ.

ރާއްޖޭން ސާބާ ޗެމްޕިއަންޝިޕްގައި ކުޅޭ ދެވަނަ މެޗުގައި ބުދަ ދުވަހު ނުކުންނާނީ ބަންގްލަދޭޝާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅޭނީ ބުރާސްފަތި ދުވަހެވެ. މި މުބާރާތުގައި ހޯމަ ދުވަހު ކުޅުނު ފުރަތަމަ މެޗުން ލަންކާއިން ވަނީ 67-56 އިން ބަންގްލަދޭޝް ބަލިކޮށްފައެވެ.

މި ފަހަރުގެ މުބާރާތާ ރާއްޖެ ކުރިމަތިލާފައިވަނީ މުޅިން ދިވެހި ކޯޗުންގެ ޓީމަކާއެކުއެވެ. އެގޮތުން ގައުމީ ޓީމުގެ ކޯޗުގެ މަގާމު ފަހަކަށް އައިސް ބާސްކެޓުބޯޅައިގައި ވިދަމުން އަންނަ ކޯޗު އިލްޔާސް އިބްރާހިމް (އިއްލެ) ފުރަމުން އަންނައިރު، އިއްލެ އާއެކު އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވަނީ ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން މުޙައްމަދު ޒިލާލް (ޒިލާ) އާއި، ކުރީގެ ބާސްކެޓްބޯޅަ ތަރި އަލީ ފަޒްލީ އަދި މުޙައްމަދު ނަސީރެވެ.