ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފީ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ތާވަލްކޮށްފިއެވެ.

މި މައްސަލައަކީ 2019 ވަނަ އަހަރު އެމަނިކުފާނުގެ މައްޗަށް އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމުގެ އިސްތިއުނާފީ އަޑުއެހުމެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މި އަޑުއެހުންތައް ފަށާފައިވަނީ ފާއިތުވި ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަނީ މި މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށް ވިދާޅުވެފައެވެ. އަދި، މައްސަލައާއި ގުޅިގެން ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރި ނަމަވެސް ކޯޓު ރިސެސްއަށް ދިއުމުގެ ކުރިން މައްސަލަ ނިންމައިލެވޭތޯ ބައްލަވާނެ ކަމަށް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ބާއްވާ އަޑުއެހުމަކީ އެ މައްސަލާގައި އިތުރު ކަމެއް އޮޅުންފިލުވުމަށް ތާވަލްކޮށްފައިވާ އަޑުއެހުމެކެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމަށްފަހު އިތުރު ކަމެއް އޮޅުންފިލުވަން ނެތްނަމަ އެ އަޑުއެހުމަކީ އެ މައްސަލާގައި ބާއްވާ ފަހުގެ އަޑުއެހުން ކަމަށާއި، ދެން އޮންނަނީ ހުކުމްކުރުން ކަމަށް ފަނޑިޔާރުން ވިދާޅުވެފައިވެއެވެ.

ކުރީގެ ރައީސް ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވައިފައިވާ މައްސަލާގައެވެ.