ރާއްޖޭގައި މިއޮތީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ފަތުރުވެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ގޯލްޑް 100 އެވޯޑް ހާސިލް ކުރި ވިޔަފާރިތަކުގެ އަގުހުރި ޚިދުމަތްތައް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި މިއޮތީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ފަތުރުވެރިކަމެއް ކަމަށާއި ނަމަވެސް ކޮވިޑުގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓް ހައުސްތައް ފަޅުވެގެންދިޔަ ކަމަށެވެ.

ފުރަބަންދަކަށް ފަހު ފުރަބަންދެއް އިއުލާންކުރުމުން ހޮޓާތަކާއި ރެސްޓޯރެންޓްތައްވެސް ބަންދު ކުރަން ޖެހުނު ކަމަށާއި ވިޔަފާރިތައް ހީނަރުވެގެން ދިޔަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިއަދު އަޅުގަނޑުމެންގެ އިގްތިސާދީ ހަރަކާތްތައް އަލުން ފަށާފާވިޔަސް މި ބަލިމަޑުކަމުން އަޅުގަނޑުމެންނަށް އަދި މުޅިން އަރައިގަނެވުނީ އެއްނޫން. ނަމަވެސް އުންމީދުގެ ހުޅުކޮޅު މިހާރު އެބަފެނޭ. މިހާރު ރައްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ ނިސްބަތް ހުރީ ކޮވިޑުގެ ކުރިން އާންމުކޮށް ފަތުރުވެރިން ޒިޔާރަތްކުރަ މިންވަރާ އަޅާބަލާއިރު 70 އިންސައްތައިގަ. ކޮވިޑުގެ ސަބަބުން ލިބުނު ގެއްލުންތައް ފޫބެއްދުމަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މިހާރުވެސް އަންނަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން. އޭގެ ނަތީޖާވެސް އިރާދަކުރެއްވިއްޔާ މަޑުމަޑުން އެބަފެނޭ. އިގްތިސާދީ އަޑިގަނޑުގައި އަޅުގަނޑުމެން ދެ އަތް އުރާލައިގެން ތިބީކީ ނޫން. އައު ވިޔަފާރިތައްވެސް އަންނަނީ މަޑު މަޑުން އުފެދެމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިދަނީ ކުރިއަށް."
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް

ރައީސް ވިދާޅުވީ މިއަންނަނީ އިގްތިސާދު ނަގާ ކޮޅަށް ޖަހަމުން ކަމަށާއި ކޮވިޑް-19ގެ އެންމެ ދަތި ދުވަސްވަރުގައިވެސް ރާއްޖޭގެ ވިޔަފާރިތައް ދެމެހެއްޓުމަށް ސަރުކަރުން ވަރަށް ބޮޑު އިސްކަމެއްދެއްވި ކަމަށެވެ.

އެގޮތުން ބޮޑެތި ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކަށްވެސް ސަރުކަރުން އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ކަމަށާއި އަދި އެ ދަތި ހާލަތުގައިވެސް ވިޔަފާރިތަކުން އިގްތިސާދު ދެމެހެއްޓުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ރައީސް ފަހަގަކުރެއްވިއެވެ.

އައު ވިޔަފާރިތައް ރާއްޖޭގެ އިގްތިސާދަށް ނެރެދިނުމަށްޓަކައި، ސަރުކާރުން މިހާރުވެސް މި އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން. ސަރުކާރު އަބަދުވެސް އޮންނާނީ، ޕްރައިވެޓް ސެކްޓަރގެ ބައިވެރިއެއްގެ ގޮތުގައި. މިރޭގެ މި ހަފްލާގައި އެވޯޑް ޙާހާސިލްކުރާ ވިޔަފާރިތަކަކީ، ކާމިޔާބު ހަރުދަނާ ވިޔަފާރީގެ ނަމޫނާތަކެއް. އެއީ، ހަމައެކަނި ފައިދާއަށްޓަކައި ހިންގާ ވިޔަފާރިތަކެއް ނޫން. އެއީ، އީޖާދީ އުފެއްދުންތެރިކަމާއެކު، ކުރިމަގަށް ވިސްނައިގެން ހިންގާ ވިޔަފާރީގެ ނަމޫނާތަކެއް. އެ ވިޔަފާރިތަކުގެ އަގު ވަޒަންކުރެވިގެން އެދަނީ، މި މުޖުތަމައަށް ހެޔޮ ބަދަލުތަކެއް ގެންނަން މަސައްކަތްކޮށްފައިވާތީ. އެ ވިޔަފާރިތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސަދަށާއި، ގައުމީ ތަރައްގީއަށް ކޮށްފައިވަނީ، ގުނައި އަދަދު ނުކުރެވޭހާ ގިނަ ފައިދާތަކެއް. ވަކިން ޚާއްސަކޮށް، ރާއްޖޭގެ ރައްޔިތުންނަށް ލިބުނު މަންފާއާއި ލާބަ ވަކިން ބޮޑު."
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް

އަދި ދިރިއުޅެމުން މިއަންނަނީ މީގެ ދެ އަހަރު ކުރިން ދުނިޔެ އޮތް ހާލަތާ އަޅާބަލާފަ ވަރަށް ތަފާތު ދުނިޔެއެއްގައި ކަން އެންމެނަށް އެނގޭ ކަމަށާއި އެގޮތުން ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރި މުޅި ދުނިޔެ ހުއްޓުމަކަށް ގެނައިކަން ރައީސް ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ގައުމުތަކުގެ އިގްތިސާދު ފުނޑުފުނޑުވެގެން ދިޔަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ ކުޑަކުޑަ އިގްތިސާދުވެސް މިކަމުން ސަލާމަތްނުވި ކަމަށެވެ.

ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް ކޯޕަރޭޓް މޯލްޑިވްސްއިން އިސްނަންގަވައިގެން ކުރައްވާ މިންނެތް މަސައްކަތަށް ޝުކުރު ދަންނަވަމުން ރައީސް ވަނީ ކޯޕަރޭޓް މޯލްޑިވްސްއިން ކުރައްވާ މަސައްކަތުގެ ސަބަބުން ކާމިޔާބު ވިޔަފާރިތަކުގެ އަގު ވަޒަންކުރުމުގެ އިތުރުން، އައު ވިޔަފާރިތަކަށް ހިތްވަރު ލިބިގެންދާކަންވެސް ފާހަގަކުރައްވާފައެވެ.