ސްރީލަންކާގައި ކުރިއަށްދާ މަހިންދްރަ ރާޖަޕަކްސް ފުޓްބޯޅަ މުބާރާތުގައި ސީޝަލް ކުޅުންތެރިޔަކަށް އަނިޔާވެރި ހަމަލާއެއް ދިން ގައުމީ ޓިމުގެ ކުޅުންތެރިޔާ އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އަސްހަދު (އަޑުބަރޭ) އަށް ފިޔަވަޅު އަޅަން ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

"މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)"ގައި ރާއްޖެ އާއި ސީޝެލްސް ބައްދަލުކުރި މެޗުގެ ތެރެއިން، މެޗުގެ އިތުރުވަގުތުގައި ކުޅެންއެރި އަޑުބަރޭއަށް، ކުޅެންއެރިތާ މިނެޓެއް ނުވަނިސް ވަނީ ރަތްކާޑެއް ދައްކާ ދަނޑުން ބާލައިފައެވެ.

މުބާރާތުގެ ފައިނަލަށް ދަތުރުކުރުމަށް ކޮންމެހެން މޮޅުވުން މަޖުބޫރު އެ މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މެޗު ކުޅުނު ދަނޑުގެ ހާލަތު އޮތްގޮތުން ދެޓީމުގެ ކުޅުންތެރިންނަށްވެސް ދަތިތަކަކާއި ކުރިމަތިވިއިރު، ޗަކަ ހެދިފައި އޮތުމުން ކުޅުންތެރިން ވަރަށް ބޮޑަށް ވަރުބަލިވެފައި ތިބިތަން ފެނިގެންދިޔައެވެ.

މެޗްގައި ކުޅެން އެރި ގޮތައް އަރައި އަޑުބަރޭ ސީޝެލްސްގެ ކެޕްޓަން ސްޓީވް މެރީ އަށް ދިން ހަމަލާ ވަރަށް ގިނަ ދިވެހިން ގެންދަނީ ކުށްވެރި ކުރަމުންނެވެ. އެހަމަލާ އާއި ގުޅިގެން އަޑުބަރޭ އަށް ފިޔަވަޅު އަޅަން ވެސް އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ނަމަވެސް އަދި މިހާތަނަށް އެކަމާއި ގުޅޭ ގޮތުން އެފްއޭއެމް އިންނާއި ޔޫތު މިނިސްޓްރީން ވެސް އެއްވެސް އެއްޗެއް ނުބުނެއެވެ.

އަޑުބަރޭ ސީޝެލްގެ ކުޅުންތެރިޔާ އަށް ދިން ހަމަލާގެ ވީޑިއޯއަށް ރައީސް މައުމޫން ޓްވިޓާގައި ކުރެއްވި ކޮމެންޓެއްގައި ވިދާޅުވީ އަޑުބަރޭގެ އަމަލަކީ ހަޑިހުތުރު އަމަލެއް ކަމަށާއި އޭނާއަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށެވެ.

މަދުން ނަމަވެސް ދިވެހި ޓީމަށް ލަނޑުޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު މިމެޗުގައި އަޑުބަރޭ ކުޅެން އަރުވާފައިވަނީ މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ދެވަނަ މިނެޓުގައެވެ.

ކުޅެން އެރިތާ ގާތްގަނޑަކަށް 25 ވަރަކަށް ސިކުންތުގެ ތެރޭގައި އަޑުބަރޭ އަށް ރަތްކާޑެއް ރެފްރީ ދެއްކީ، ސީޝެލްސްގެ ކެޕްޓަން ސްޓީވް މެރީ އަށް ކުޅުމުން ބޭރުގައި ކުރި ފައުލަކާއި ގުޅިގެންނެވެ.

އަޑުބަރޭ ކުޅެން އެރުވިފަހުން 46 ސިކުންތު ވަންދެން ކުޅުން މެދުކަނޑާލާފައި އޮތެވެ. އެއީ ކުޅުންތެރިން ބަދަލުކުރުމުގައި މެޗުގެ 4 ވަނަ ރެފްރީއަށް، ކުޅުންތެރިންގެ ނަމްބަރު، ބޯޑުގައި ޖެހުމުގައި އެރި ކޮމްޕްލިކޭޝަންތަކެއްގެ ސަބުބަނުން އެކަން ހައްލުކުރުމަށްޓަކައެވެ.

އެކަން ހައްލުކުރުމަށްފަހު އަލުން ކުޅުން ފެށިތާ 20 ސިކުންތުގެ ތެރޭގައި އަޑުބަރޭ ވަނީ ސީޝެލްސްގެ ކެޕްޓަނަށް އުޅަނބޮށިން ހަމަލާދީފައެވެ. އޭރު މަންޒަރުފެން ހިސާބުގައި ރެފްރީވެސް ހުރުމުން، ރެފްރީ ވަނީ ލަސްތަކެއް ނުކޮށް، އަޑުބަރޭއަށް ސީދާ ރަތްކާޑެއް ދައްކާފައެވެ. އެހެންކަމުން ކާޑު ދެއްކުމަށް ހޭދަވި ވަގުތާ ލައިގެންވެސް، އޭނާ ކުޅެންއެރިތާ 25 ވަރަކަށް ސިކުންތުގެ ތެރޭގައި އަޑުބަރޭއަށް ވަނީ ރަތްކާޑެއް ލިބިފައެވެ.

ޕްރޮފެޝަނަލް ލެވެލްގައި ކުޅޭ މެޗުތަކުގެ ތެރެއިން އެންމެ އަވަސް ރަތްކާޑެއް ދައްކާފައިވަނީ 2007 ވަނަ އަހަރު ޕްރިމިއަރ ލީގުގައި ޝެފީލްޑް ޔުނައިޓެޑަށް ކުޅުނު ކީތް ގިލެސްޕީ އަށެވެ. އޭނާއަށް ރަތްކާޑު ދައްކާފައިވަނީ ކުޅެން އެރުވުމަށްފަހު، ރެފްރީ މެޗުގެ ކުޅުން އަލުން ނުވެސް ފަށަނީހެވެ. އެހެންކަމުން ފުޓުބޯޅައިގެ ތަފާސްހިސާބުތައް ރެކޯޑުކުރާ ފަރާތްތަކުން ހަދާފައިވާ ލިސްޓުގައި ގިލެސްޕީ އަށް 0، ސިކުންތާއެކު ލިބެނީ ލިސްޓުގެ އެއްވަނައެވެ. ގިލެސްޕީއަށްވެސް ރަތްކާޑެއް ދައްކާފައިވަނީ ކުޅުންތެރިއަކަށް އުޅަނބޮށިން ހަމަލާ ދިނުމާއި ގުޅިގެންނެވެ.

މި ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ކުޅިވަރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައިވެސް ހުރި އަސްހަދު އަލީ އަށް ލިސްޓުގައި 8 ވަނަ ލިބެއެވެ. އޭނާގެ ކުރިން ލިސްޓުގެ ހަތްވަނަ ލިބެނީ 19 ސިކުންތުން ރަތްކާޑެއް ހޯދި ކުރީގެ އިނގިރޭސި ގޯލް ކީޕަރު މާކް ސްމިތް އެށެވެ.

އަޑުބަރޭ ވަނީ ސްޓީވް ބޯޅަ އާއި ނުލައި ދުވެފައި ދަނިކޮށް ފަހަތުން އައިސް އުޅަނބޮށިން ސްޓީވްގެ ކަރުގައި ޖަހާފައެވެ. މިއާއެކު ވަގުތުން ރެފްރީ މެޗުގެ ކުޅުން ހުށްޓުވާ އަޑުބަރޭ އަށް ރަތްކާޑު ދެއްކިއިރު ގިނަ ވަގުތުތަކެއް ވަންދެން ސްޓީވް އަށް ދަނޑުމަތީގައި ވަނީ ފަރުވާދީފައެވެ.

މިގޮތަށް ކުޅުމުން ބޭރުގައި ދަނޑުމަތިން އެހެން ކުޅުންތެރިންނަށްދޭ ހަމަލާތަކަކީ، މީގެކުރިންވެސް ސަރަހައްދީ ފުޓުބޯޅައިގެ މައި އިދާރާ ތަކާއި، ގައުމުތަކުގެ ފުޓުބޯޅަ ފެޑެރޭޝަންތަކުންވެސް ހަރުކަށި އަދަބުތައް ދެމުން އަންނަ އަމަލުތަކެކެވެ.

އަޑުބަރޭގެ އަމަލަށް ދިވެހި ސަޕޯޓަރުންގެ އިތުރުން ރާއްޖޭގެ ފުޓުބޯޅައިގެ ތަޖުރިބާކާރުންވެސް ފާޑުކިޔަމުން އަންނައިރު، މިއީ ފުޓުބޯޅައިގެ އެތިކްސް އާއި ހިލާފު، ގައުމުގެ އަގު އެހެން ބައެއްގެ ކުރިމަތީގައި ވެއްޓޭފަދަ އަމަލެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.