ފާއިތުވި ކޮންމެ ސަރުކާރަކުންވެސް ފެއަށް ޖެހުނު އެއް ކަމަކީ ރައީސުލްޖުމްހޫރިއްޔާ ލިބިފައިވާ ވެރިކަމުގެ ބާރުތައް ލާމަރުކަޒީ އުސޫލުން ދޫކޮށްލަން ފަސްޖެހުމެވެ. އެހާރު މުޅީން ވެސް ފެންނަނީ، ވެރިކަން ބީވެ ގޮސްދާނެތީ، ޤާނޫނުތަކާއި ޤަވާޢިދުތައް ބަދަލުކޮށް، ވެރިޔަކަށް ހުންނަ ބޭފުޅަކަށް ހެޔޮ ވަރުގެ ރިހަގަނޑެއް ކައްކާ މަންޒަރެވެ.

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޅ. ހިންނަވަރު، ނޫރާނިއާގެ އިބްރާޙިމް މުހައްމަދު ޞާލިޙާއި އެމަނިކުފާނުގެ ބައިވެރިން ވެރިކަމާ ހަވާލުވެވަޑައިގަތީ އެކަން ބަދަލުކުރުމުގެ ސާބިތު ވަޢުދުފުޅަކާއެކުގައެވެ. ރައްޔިތުން އޭރު އޮތް ރައީސް އަބްދުﷲ ޔާމިން ވެރިކަން ބަދަލުކުރީ ހެޔޮ ވެރިކަމެއްގެ ރަހަ ދެކުމަށެވެ.

މުޖުތަމައުގައި އޮތް ބައިބައިވުމާއި، ހަމަނުޖެހުން ނެތި އެއްބައިވަންކަމާއިއެކު ކުރިއަށްދެވޭނެ މަގެއް ހޯދުމަށެވެ. ނަފުރަތާއި ފަސާދަ ނެތިފައިވާ މުޖުތަމައުއެއް ދުށުމަށް އެދޭތީއެވެ. އަދި އަތޮޅު ތެރޭގެ ރަށްރަށް ތަރައްގީގެ ރޭހުގައި ބާކީވެފައިވާ ވުން ނިމުމަކަށް ގެނެނައުމުގެ އަޒުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމާ، ޙަވާލުވެވަޑައިގަތުމަށްފަހު މިއަދަށް މިވީ 3 އަހަރެވެ. ދެއްވި ޔަގީންކަމާ އެއްގޮތަށް، ވެރިކަމުގެ ބާރުތަކަކީ ރައްޔިތުންގެ ބާރަކަށް ހައްވައިދެއްވައިފިއެވެ. ބާރުތައް ފެށެނީ ރައްޔިތުންނާ ހަމައިންނޭ ބުނާ ބަސް ހަގީގީ މާނައިގައި ރަދީފުގައި ޖައްސަވައި ދެއްވައިފިއެވެ.

މިކަން ކަށަވަރު ކޮށްދެއްވާފައިވަނީ ރާއްޖޭގެ މިވީ ދިގު ތާރީޚުގައިވެސް އެއްވެސް ވެރިއަކަށް ކުރަން ކެރިވަޑައިނުގަތް މަރުކަޒީ ބާރުތައް ރައްޔިތުންނާ ހަމައަށް ދޫކޮށްލައި ޤާނޫނީ ބާރުވެރިކަން ކައުންސިލްތަކަށް ދޫކޮށްލައިގެންނެވެ. މިއަދު ކޮންމެރަށަކީ، ކޮންމެ ސިޓީއަކީ ޤާނޫނީ ގޮތުން ބަސްބުނުމުގެ ބާރުލިބިފައިވާ، އަމިއްލަ މިލްކިއްޔާތާއި، އަމިއްލަ ފުދުންތެރިކަން އޮތް ބައެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް މިއަދު ހެނދުނު ސޮއިކުރައްވަނީ

ރައްޔިތުންގެ އަޑު ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހަމައަށް ގެންދިއުމުގެ ފުރުސަތު ވަނީ ދެއްވާފައެވެ. އަދި ކުރިން ހިފެހެއްޓިފައިއޮތް އެއްވެ އުޅުމާއި، މުޒާހަރާ ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލަދެއްވާފައެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން މި ވަނީ ފުރިހަމައަށް ދެވިފައެވެ. ނަތީޖާއަކީ ދުވަހެއް ދުވަހަކުން ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖޭން ހޯދަމުން އަންނަ ކުރިއެރުމެވެ.

މާލެއެކޭ އެއްގޮތަށް އަތޮޅު ތެރޭގެ ތަރައްގީއަށް ވެސް ސަރުކާރުގެ ކަޅި އެބަ އަޅައެވެ. ރާއްޖޭގެ ރައްޔިތުންނަކީ ނަޖިހުން ސަލާމަތްވެފައިވާ ރައްޔިތުންތަކަކަށް ހެދުމަށް، ފެނާއި، ނަރުދަމާގެ ނިޒާމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރެވެމުންނެވެ. ދިވެހިރާއްޖޭގައި އެކިއެކި ދާއިރާތަކުން ޖުމްލަ 1,324 މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިމާފައި ވާއިރު، މިހާރު ވެސް އޭގެ ތެރޭން 323 މަޝްރޫޢު އެކި ކަންކޮޅުތަކުގައި ކުރިއަށް އެބަ ދެއެވެ. ރައްޔިތުން ބޭނުންވާ ހެޔޮ ވެރިކަމަކީ މިއީއެވެ.

115 މަޝްރޫއެއްގެ މަސައްކަތް މުޅިން ނިމި އެކަމުގެ ފޮނިމީރުކަން ރައްޔިތުންނަށް ދަނީ ލިބެމުންނެވެ. އިތުރު 114 މަޝްރޫއެއް ވަނީ ޓެންޑާ ކޮށްފައެވެ. 35 މަޝްރޫއެއް އެވޯޑް ކޮށްފައިވެއެވެ. 178 މަޝްރޫއެއް ޑިޒައިންކުރުމުގެ މަރުހަލާގައި އެބައޮތެވެ.

މިއީ ރައްޔިތުންގެ އަސާސީ ޚިދުމަތްތަކާއި ރަށްރަށް ކޮންމެހެން ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކެވެ. އޭގެތެރޭގައި ފެނާއި ނަރުދަމާގެ 36 މަޝްރޫއަކާއި ރަށްރަށުގެ ބަނދަރު ހެދުމާއި ބަނދަރު މަރާމާތުކުރުމާއި ފާލަންތައް ހެދުމުގެ 68 މަޝްރޫޢަކާއި ރަށްރަށުގެ ބިން ހިއްކުމުގެ 3 މަޝްރޫޢަކާއި މަގު ހެދުމުގެ 12 މަޝްރޫއެއް މިހާރުވެސް ދަނީ ހިނގަމުންނެވެ.

އަދި ރަށްރަށުގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ 13 މަޝްރޫޢަކާއި ޞިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ 28 މަޝްރޫއެއް މިހާރުވަނީ ފެށިފައެވެ. ތައުލީމީ ދާއިރާގެ 41 މަޝްރޫއަކާއި ކުޅިވަރުގެ ދާއިރާގެ 111 މަޝްރޫއެއް މިހާރުވެސް އެކި މަރުހަލާތަކުގައި ހިނަގަމުން އެބަދެއެވެ. އަތޮޅުތަކުގެ ރަށްތައް ތަރައްޤީކުރުމުގައި މިސަރުކާރުން ވަނީ ކުރި ހޯއްދަވާފައެވެ. ޚާއްސަކޮށް ތަޢުލީމީ ޞިއްޙީ ދާއިރާއިން މާލެއާ އެއްފެންވަރުގެ ޚިދުމަތް ބައެއް ރަށްރަށުން ލިބެއެވެ. އަތޮޅުތަކުގެ ސްކޫލްތަކުގެ ނަތީޖާތަކާއި އަތޮޅުތަކުގެ ބައެއް ހޮސްޕިޓަލްތަކުން ދެވޭ ޚިދުމަތްތަކުން މިކަމުގެ ހެކި އެދަނީ ފެންނަމުންނެވެ.

މިލަދޫގައި ބަނދަރުގެ މަސައްކަތް: އެމްޓީސީސީ

ކޮންމެ ރައްޔިތަކީވެސް އެމީހަކު އަދާކުރާ ވަޒީފާއިން ހައްގު މުސާރަ ލިބޭނެ ބަޔަކަށް ހެދުމަށް އެންމެ ކުޑައުޖޫރަ ކަނޑައަޅައި 2022 ވަނަ އަހަރުން ފެށިގެން ތަންފީޒު ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއީވެސް ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅަކަށް އަދި ނުވެފައި އޮތް ކަމެކެވެ، މިއާއެކު ސިވިލްސަރވިސްގެ މުވައްޒަފުންގެ ތެރެއިން ގިނަ ޢަދަދެއްގެ މުވައްޒަފުންނަށް މުސާރައިގެ ކުއެރުން ލިބިގެންދާނެއެވެ.

އަދި މިއާއެކު ޕްރައިވެޓް ސެކްޓަރގައާއި، ރިސޯޓް މުވައްޒިފުންގެ މުސާރައަށްވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. އަދި ވަޒީފާ އަދާކުރާ އާބާދީ ފުދުންތެރި ބަޔަކަށް ވެގެންދާނެއެވެ.

ފާއިތުވި ތަނުގައި ދިވެހިރާއްޖެއަކީ ގައުމަތުގެ ކުރިމަތީގައި ވަރަށް ކުޑަ ބާރެއް ނެތް ގައުމެކެވެ. އެކަމަކު އދ.ގެ އާންމު މަޖިލީހުގައި ދުނިޔޭގެ އެންމެ ބާރުގަދަ އެއް ތަހުތުގައި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ އިންނެވުމާއި، ދުނިޔޭގެ އެތައް ޤައުމަކާއި ގުޅުން ގާއިމްކޮށް، ކޮމަންވެލްތާއި ގުޅުން ގާއިމްވެގެން ދިއުމަކީ ރާއްޖޭގެ ނަން އެތައް ބައެއްގެ ކުރިމަތީ އަރައިގެން ދިޔަ ކަމެކެވެ. މިއަދު އަޑުގަދަ ގައުމަކަށް ދިވެހިރާއްޖެ މި ވަނީ ވެފައެވެ. މިއީ ވެސް ފާއިތުވި 3 އަހަރުގެ ކާމިޔާބީ އެކެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމާއެކު، ޤާނޫނީ ބާރުވެރިކަން ހޯދުމަށްވެސް މި 3 އަހަރަކީ ގިނަ ކަންތައްތަކެއް ހާސިލްކުރެވުނު ތިން އަހަރެވެ. މިދިޔަ 3 އަހަރުދުވަހުގެ ތެރޭގައި 102 ބިލެއް ވަނީ ސަރުކަރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައެވެ. އޭގެ ތެރެއިން 74 ބިލެއްގެ މަސައްކަތް މަޖިލީހުން ނިންމައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީގު ކުރައްވަފައެވެ.

މީގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމުގައި ވެސް ދިވެހިރާއްޖޭން ވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން، ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެ ވަނީ 55 ދަރަޖަ މައްޗަށް ޖެހިފައެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، ހަފްތާއަކު އެއްފަހަރު ދައުލަތުގެ މާލީ ހިސާބު އާންމުކުރަން ފެށުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހިސާބު ޝާއިރުކުރަން ފެށުން ހިމެނެއެވެ. އަދި ދައުލަތުގެ ދަރަނީގެ ހިސާބުތަކުގެ ރިޕޯޓު އާންމުކުރަން ފެށީ ވެސް މި ސަރުކާރުންނެވެ.

ބަޖެޓް ވަޔަމަންޓް މޮޑިއުލް ތަރައްގީކުރީ ވެސް ހަމަ މި ސަރުކާރުންނެވެ.

މި ހުރިހާ ކުރިއެރުމަކާއި ކާމިޔާބީއެއްގެ އަސްލަކީ ގައުމުގެ ހުންގާނުގައި ހުންނެވި ކެރޭ، ހީވާގި އަދި ހިތްތިރި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހްއެވެ.