ފުވައްމުލަކު ވައިގެ ބަނދަރުގައި މަސައްކަތްކުރާ ގައުމީ އެއާލައިންގެ ދެ މުވައްޒަފަކަށް ހަމަލާދީ ފައިސާތަކެއް ފޭރިގަނެފިއެވެ.

ދިވެހި ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފައި ވަނީ ފުވައްމުލަކު ވައިގެ ބަނދަރުގައި މަސައްކަތްކުރާ ދެ މުއައްޒަފުން ސޭލްސް ނިންމާ ބެންކަށް ފައިސާ ޖަމާކުރަންދިޔަ ވަގުތު، ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާ ފައިސާތައް ފޭރި ގަނެފައިވާ ކަމަށެވެ.

ވީނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭރިގަނެފައި ވަނީ ގާތްގަނޑަކަށް 100،000 (އެއް ލައްކަ) ދިވެހި ރުފިޔާއެވެ. އޭގެ ތެރޭގައި 448 ޔޫއެސް ޑޮލަރު ވެސް ހިމެނެއެވެ. މިކަން މޯލްޑިވިއަނުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މިކަން ފުލުހުންނަށް ހުށައަޅާފައިވާ ކަމަށާއި، މި ހާދިސާގައި ޒަހަމްވި މުއައްޒަފަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.

މިމައްސަލަ ތަހުގީގު ކުރަމުން އަންނަކަން ފުލުހުން ހާމަކޮށްފައިވެއެވެ.