މިއަހަރުގެ ގޯލްޑް 100 ގާލާ ނައިޓް ބާއްވައިފިއެވެ.

މި ހަފްލާ ބާއްވާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ރެއެވެ.

ގޯލްޑް 100 އަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ހޮވުމަށް އަހަރަކު އެއްފަހަރު ބާއްވާ ހަފްލާއެކެއެވެ.

މި ލިސްޓަށް ކުންފުނިތައް ހޮވަނީ ހާއްސަ ކޮންސަލްޓަންޓް ކޮމިޓީއަކުން ބެލުމަށްފަހުއެވެ.

މިއީ މިއިވެންޓް ބާއްވާ 5 ވަނަ އަހަރެވެ.

މިއަހަރުގެ ގޯލްޑް 100 ގާލާ ނައިޓްގެ ޝަރަފްވެރި ކޮށްދެވީ ރާއްޖެގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްއެވެ.

މީގެ އިތުރުން ސަރުކާރުގެ މިނިސްޓަރުންނާއި، ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާއި، ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މިއަހަރުގެ ގޯލްޑް 100 ގެ ޕްލެޓިނަމް ޕާޓްނަރަކީ ރާއްޖޭގެ އެންމެ ބޮޑު ކުންފުނި ބޭންކް އޮފް މޯލްޑިވްސްއެވެ.

ގޯލްޑް ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ އެމްޓީސީސީ، އުރީދޫ މޯލްޑިވްސް، މެޑްޓެކް މޯލްޑިވްސް، ދަ ހޮކްސް، އަލްޝާލީ މެރިން މޯލްޑިވްސް، އެޗްޑީސީ އަދި ކްރޮސްރޯޑް މޯލްޑިވްސްއެވެ.

މި ރަސްމިޔާތުގައި ވަހަކަ ދަށްކަމުން ރައީސް ވަނީ ކޮވިޑްގެ ސަބަބުން ކުރިމަތިލާންޖެހުނު ގެއްލުންތައް ފޫބައްދައި އިގްތިސާދު ދެމެހެއްޓުމުގައި ވިޔަފާރިތަކުން އަދާކުރި މުހިންމު ދައުރު ވެސް ފާހަގަކުރައްވާފައެވެ.

ހަމަ އެހެންމެ ކޮވިޑްގެ އެންމެ ދަތި ދުވަސްވަރުވެސް، ރާއްޖޭގެ ވިޔަފާރިތައް ދެމެހެއްޓުމަށްޓަކައި ބޮޑެތި ވިޔަފާރިތަކާ ކުދި ވިޔަފާރިތަކަށް ވެސް، ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގޯލްޑް 100 ގާލާ އިވެންޓްގެ ތެރެއިން ގޯލްޑް 100 އަށް ހޮވުނު ކުންފުނިތަކަށް އެވޯޑްދީ ގޯލްޑް100 މެގަޒިން ވަނީ ލޯންޗްކޮށްފައެވެ.

އަދި ގޯލްޑް 100 އަކީ ރާއްޖޭގައި އެންމެ ކުރިއަރާފައިވާ 100 ކުންފުނި ހޮވުމަށް ދެމުންއަންނަ އެވޯޑެކެވެ. ކުންފުނިތައް ލިސްޓްކޮށްފައި ވަނީ އަލްފަބެޓިކަލް އޯޑަރަށެވެ.

ކޯޕަރޭޓް މޯލްޑިވްސްއިން އަންނަނީ ގޯލްޑް 100 ގެ އިތުރުން މި ހަފްލާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑްވެސް ދެމުންނެވެ.

އަދި ލައިފް ޓައިމް އެޗީވްމަންޓު އެވޯޑަކީ ގިނަ ދުވަސްތަކެއް ވަންދެން، އެކި ދާއިރާތަކުން ރާއްޖޭގެ އިގްތިސާދަށް ފައިދާކުރެނިވި މަސައްކަތްތަކެއް ކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ދޭ އެވޯޑެކެވެ.

މިއަހަރުގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިފައިވަނީ ހޮކްސް ޕްރައިވެޓް ލިމިޓެޑްގެ ފައުންޑަރ އަދި ޗެއަރމަން އަހްމަދު ރަޝީދު ހަސަންއާއި، ބައިސަން މޯލްޑިވްސްގެ ޗެއަރމަން އަދި މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަޖީދުއަށެވެ.

މި ހަފްލާގެ ތެރެއިން ކޯޕަރޭޓް މޯލްޑިވްސްއިން ވަނީ އެމްވީ ޕްލަސް ކޮމިއުނިޓީ އިންޕެކްޓް އެވޯޑަށް ހޮވުނު ޖަމިއްޔާތަކަށް ފަންޑުވެސް ރެއިޒްކޮށްފައެވެ. ޖަމިއްޔާތައް ހޮވުމުގައި ބަލާފައިވަނީ އެ ކުންފުނިތަކުން މުޖްތަމައުއަށް ކޮށްދޭ މަސައްކަތަށެވެ.

ކޯޕަރޭޓް މޯލްޑިވްސްގެ ގޯލްޑް 100 ގާލާއަކީ އޯރކާ މީޑިއާ ގްރޫޕުން އިންތިޒާމްކޮށްގެން ބޭއްވި ހަރަކާތެކެވެ.

އޯރކާ މީޑިއާއަކީ ރާއްޖޭގައި އެންމެ ކުރިއަރާފައިވަނީ މީޑިއާ އަދި މާކެޓިން ކުންފުންޏެވެ.