2017 ވަނަ އަހަރު އިންޑިއާއަށް މިސް ވޯލްޑްގެ ތާޖް ކާމިޔާބުކޮށްދިން މަނޫޝީ ޗިލަރ ބޮލީވުޑަށް ތައާރަފްވާ ފިލްމު "ޕްރިތްވީރާޖް"ގެ ޓީޒާ ރިލީޒްކޮށްފިއެވެ.

މެއިން ލީޑްއިން އެކްޓަރު އަކްޝޭ ކުމާރު ފެނިގެންދާ މިފިލްމު ފުރަތަމަ އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެހެންނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މިފިލްމުގެ ޝޫޓިންގް ނުފެށި ވަރަށް ބޮޑަށް ދިގުލައިގެން ދިޔައެވެ.

ކާމިޔާބު ލޯބީގެ ފިލްމުތަކުގެ އިތުރުން ރީތި ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ޔާޝް ރާޖް ފިލްމްސްއިން ގެނެސްދޭ މިފިލްމަކީ، 12ވަނަ ގަރުނުގައި އިންޑިއާގައި ރަސްކަންކުރި ޕްރިތްވީ ރާޖް ރާސޯ ނަމަކަށް ކިޔާ ރަސްކަލެއްގެ ހަޔާތުގެ މައްޗަށް ބިނާކޮށްގެން ގެނެސްދޭ ވަރަށް ރީތި ތާރީޚީ އެކްޝަން ޑްރާމާ ފިލްމެކެވެ.

މިދިޔަ އަހަރުގެ ދިވާލީގައި ފިލްމު ރިލީޒްކުރާނެކަމަށް އިއުކާނުކުރިނަމަވެސް ފިލްމުވަނީ ރިލީޒްކުރެވޭގޮތް ނުވެފައެވެ. ފިލްމުގެ ޓީޒާއާއެކު މިހާރު ފިލްމު ރިލީޒްކުރާނެ ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، އަންނަ އަހަރުގެ ޖެނުއަރީމަހުގެ 21ވަނަ ދުވަހެވެ.

މިފިިލްމުގެ ޓީޒާ ޓްވިޓަގައި ހިއްސާކުރުމަށްފަހު އެކްޓަރު އަކްޝޭ ކުމާރު ބުނެފައިވަނީ، މިފަދަ ތާރީޚީ ފިލްމެއް ކުޅުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ވަރަށްބޮޑު ޝަރަފެކެވެ. ބަތަލާ މަނޫޝީވެސް ބުނެފައިވަނީ ފިލްމުގައި ފެނިގެންދާނީ ހަނގުރާމައިގެ މައިދާނުގައިވެސް ޖެހިލުން ކުޑަ ވަރުގަދަ ޝަޚްސިއްޔަތު ޕްރިތްވީ ރާޖް ޗޯހާންއަކީ ލޯބީގެ މައިދާނުގައިވެސް ވަރަށް ހިތްވަރުގަދަ ޝަހްސިއްޔަތެކެވެ.

ފިލްމުގެ ސްކްރިޕްޓް ކިޔަމުން ދިޔައިރުވެސް ޕްރިތްވީރާޖް ޗޯހަން ޤައުމަށްޓަކައި ވެފައިވާ ގުރުބާނީއާއި ލޯބި ވަރަށް ރަގަޅަށް އެނގިގެންދިޔަކަމަށްވެސް އަކްޝޭވަނީ ބުނެފައެވެ.

އަދިތްޔާ ޗޯޕްރާ ޕްރޮޑިއުސްކޮށް ޗަންދްރަޕްރަކަޝް ދްވިވެދީ ޑައިރެކްޓްކުރާ މިފިލްމުގައި ފެނިގެންދާ އިތުރު ތަރިންގެތެރޭ އެކްޓަރު ސަންޖޭ ދަތް އަދި އެކްޓަރު ސޯނޫ ސޫދުވެސް ހިމެނެއެވެ.

މިފިލްމުގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ ކާމިޔާބު ފިލްމު "ބަޖިރާއޯ މަސްތާނީ"އަށް މިއުޒިކް ތައްޔާރުކޮށްދީފައިވާ މިއުޒިކް ކޮމްޕޯސަރ ސަންޗިތްއެވެ.