ފިލްމު ޕްރޮޑިއުސަރ ކަރަން ޖޯހަރް އުފައްދާ ޝަޝާންކް ޚައިތާން ޑައިރެކްޓްކުރާ ފިލްމު "ގޯވިންދާ ނާމް މޭރީ" އިއުލާނުކޮށް ފިލްމުގެ ކާސްޓުންނާއެކު ފުރަތަމަ ޕޯސްޓަރ ޓީޒާ އާއްމުންނަށް ދައްކާލައިފިއެވެ.

ކޮމެޑީ ޑްރާމާއެއްކަމަށްވާ މިފިލްމުގައި ފެނިގެންދާ މުހިއްމު ލީޑް ތަރިންގެ ތެރޭގައި ބަތަލާ ކިއާރާ އަދްވާނީއާއި، ބުމިކާ ޕެޑްނޭކަރް އަދި އެކްޓަރު ވިކީ ކޯޝާލް ހިމެނެއެވެ. އަންނަ އަހަރުގެ ޖޫން މަހުގެ 10ގައި ރިލީޒްކުރާނެކަމަށް ތާރީޚްވެސް ކަނޑައަޅާފައިވާ މިފިލްމަކީ، ހެއްވާ މަޖާ ކަންތައްތަކުން ފުރިގެންވާ ފިލްމަކަށް ވެގެންދާނެކަމުގައި ކަރަންވަނީ ބުނެފައެވެ.

ކަރަން ބުނެފައިވާގޮތުގައި ފިލްމުގައި ފެނިގެންދާ 3 ލީޑް އެކްޓަރުންވެސް ފެނިގެންދާނީ އެއެކްޓަރަކަށް ޚާއްސަކުރެވިފައިވާ ވަކި ރޯލްއަކުންނެވެ. ފިލްމުގައި ހީނުކުރާ ކަހަލަ އެކި ޓްވިސްޓްތައް ހިމަނާފައިވާއިރު މިފިލްމަކީ، އަންނަ އަހަރު ސިނަމާތަކަށް އަންނާނެ ވަރުގަދަ ކޮމެޑީ ޕެކޭޖެއްކަމަށްވެސް ކަރަންވަނީ ބުނެފައެވެ.

ފިލްމުގެ ޕޯސްޓަރުތަކުންވެސް ފިލްމުގައި ހިމެނޭނެ ކޮމެޑީ ސީންތައް ވަޒަންކޮށްލެވެއެވެ. ޑައިރެކްޓަރު ޝަޝާންކް ޚައިތަން ލިޔެ ތައްޔާރުކޮށްފައިވާ މިފިލްމުގެ ނަމަކަށް ފުރަތަމަ ހަމަޖެއްސީ "މިސްޓަރ ލޭލޭ"އެވެ. ފިލްމު ޑައިރެކްޓަރެއްގެގޮތުގައި ޝަޝާންކް މަސައްކަތްކުރިޔަސް ފިލްމުގެ ޕްރޮޑިއުސަރުންގެ ޓީމުގައިވެސް އޭނާ ވަރަށް މުހިއްމު ދައުރެއް އަދާކުރާނެއެވެ.

ދާދިފަހުން ރިލީޒްވި "ސަރްދާރް އުޅާމް ސިންގް"ގެ ކާމިޔާބީ ފާހަގަކުރަމުންދާ އެކްޓަރު ވިކީ ކޯޝާލް އާއްމުކޮށް ކުޅެފައިވަނީ ވަރަށް ސީރިއަސް ރޯލްތަކެކެވެ. ފިލްމު "ގޯވިންދާ ނާމް މޭރާ" ވެގެންދާނީ ބެލުންތެރިންނަށް ވިކީ ކޮމެޑީގެ ލީޑް ރޯލްއަކުން ފެނިގެންދާނެ ފުރަތަމަ ފިލްމަށެވެ.

ފިލްމުގައި ދެން ފެނިގެންދާ ދެ ބަތަލާއިންކަމަށްވާ ކިއާރާ އަދި ބުމީކާވަނީ ވަރަށް ގިނަ ކޮމެޑީ ފިލްމުތަކުން އާއްމުންނަށް ފެނިފައެވެ. އޭގެތެރޭގައި ދާދިފަހުން ރިލީޒްވި "ޕަތީ ޕަތްނީ އޯރް ވޯ" ހިމެނެއެވެ. ނެޓްފްލިކްސްއިން ރިލީޒްވި "ލަސްޓް ސްޓޯރީ"އިން ގިނަބައެއްގެ ސަމާލުކަން ހޯދި ބަތަލާ ކިއާރާވެސް އާއްމުންނަށް ފެނިފައިވާ ގިނަ ފިލްމުތަކަކީ ހެއްވާ މަޖާ ކަންތައްތައް އެކުލެވޭ ފިލްމުތަކެކެވެ. އޭގެތެރޭގައި، ފިލްމު "ގުޑް ނިވްސް"އާއި "އިންދޫކީ ޖަވާނީ" އަދި ފިލްމު "ލަކްޝްމީ"ހިމެނެއެވެ.