ފިލްމު "ސަތްޔަމޭވަ ޖަޔަތޭ-2"އިން އެކްޓަރު ޖޯން އަބްރަހަމްއާއެކު ފުރަތަމަ ފަހަރަށް ފެނިގެންދިޔަ ބަތަލާ ދިވްޔާ ކޯސްލާއާ ދެމީހުންނަށް މުކޭޝް ބަޓްގެ ފިލްމަކުން ފުރުސަތު ލިބިއްޖެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ވަރަށް ދިގު މުއްދަތަކަށް ފިލްމުކުޅުމާ ދުރުގައި ހުރުމަށްފަހު ދިވްޔާ ކޯސްލާ ސްކްރީނުން ފެނިގެންދާ ފިލްމު "ސަތްޔަމޭވަ ޖަޔަތޭ-2" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިނޮވެމްބަރު މަހުގެ 25ވަނަ ދުވަހު ސިނަމާތަކުގައެވެ. ފިލްމު ރިލީޒްވުމުގެ ތާރީޚް ކައިރިވަމުން ދިއުމާއެކު މިވަގުތު ދެތަރިންވެސް އަވަދިނެތި އުޅެނީ ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތްތަކުގައެވެ.

މިދެތަރިންނާ ގާތް ފަރާތަކާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން ފިލްމުގައި ދިވްޔާ އާއި ޖޯންގެ ކެމިސްޓްރީ ފެނި ޕްރޮޑިއުސަރު މުކޭޝް ބަޓްއަށް މިޖޯޑްވަނީ ވަރަށް ކަމުގޮސްފައެވެ. އެހެންކަމުން އޭނާ ދެން އެންމެ އަވަހަށް އުފައްދަން ތައްޔާރުކުރާ ފިލްމު ޚާއްސަކުރަން ބޭނުންވަނީ މިދެތަރިންނަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ވަކި ނަމެއް އަދި ހަމަޖެހިފައިވާ އެފިލްމުގެ ސްކްރިޕްޓްވެސް އަދި ވަނީ ތައްޔާރުކުރުމުގެ މަރުހަލާގައެވެ. ފިލްމާގުޅޭގޮތުން މުކޭޝް ބަޓް ބުނެފައިވަނީ ފިލްމުގައި ހިމަނާ ކާސްޓުންނާ ދޭތެރޭ ވަކިގޮތެއް އަދި ނުނިންމާކަމަށާއި އެހެންނަމަވެސް ފިލްމުގެ މެއިން ލީޑްއިން ފެނުން އެންމެ އެކަށީގެންވަނީ ދިވްޔާއާއި ޖޯން ކަމުގައެވެ.

"ސަތްޔަމޭވަ ޖަޔަތޭ-2"އަކީ، 2018ވަނަ އަހަރު ރިލީޒްވި ފިލްމު "ސަތްޔަމޭވަ ޖަޔަތޭ"ގެ ސީކުއަލްއެކެވެ.

ޓީ ސީރީސްއާއި އެމޭ އެންޓަޓެއިންއާއި ގުޅިގެން ގެނެސްދޭ މިފިލްމު ޕްރޮޑީއުސްކުރަނީ ޓީ ސީރީސްގެ ޗެއަރމަން ބޫޝަން ކުމާރުއެވެ.

ބޫޝަން ކުމާރްއަކީ ފިލްމުގެ ބަތަލާ ދިވްޔާ ކޯސްލާ ކުމާރްގެ ފިރިމީހާވެސްމެއެވެ. ބޫޝަން ކުމާރްގެ އާއިލާގެ ގިނަ މެމްބަރުންނެކޭ އެއްގޮތަށް ދިވްޔާއަކީ ފިލްމީ ބަތަލާއެއްގެ އިތުރުން ފިލްމު ޕްރޮޑިއުސްކޮށް ޑައިރެކްޓްވެސްކުރާ ބަތަލާއެކެވެ. ދިވްޔާވަނީ ވަރަށް ގިނަ އިޝްތިހާރުތައް ޑައިރެކްޓްކޮށް އޭނާ އަމިއްލައަށް އެކްޓުކޮށްފައިވާ މަޝްހޫރު ވީޑިއޯ ލަވަތައްވެސް ޑައިރެކްޓްކޮށްފައެވެ.