ބޮލީވުޑްގެ އެކްޓަރު ރާޖްކުމާރް ރާއޯއާއި ދުވަސްވީ ލޯބިވެރިޔާ އަދި ބަތަލާ ޕަތްރަލެކާ ކައިވެނިކޮށްފިއެވެ.

ޒަމާންތަކެއް ވަންދެން ލޯބީގެގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނިކުރަމުން ދެ ތަރިން ނިންމާފައިވަނީ މިމަހުގެ ކުރީކޮޅުގައެވެ. އެކްޓަރު ރާޖްކުމާރް ރާއޯ ދެމީހުންގެ ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމަށްފަހު ބުނެފައިވަނީ، 11 އަހަރު ލޯބީގެގޮތުން ގުޅިގެން އުޅުމަށްފަހު މިއަދު ޕަތްރަލެކާގެ ފިރިމީހާގެގޮތުގައި ހުރުމުގެ ލަގަބު ލިބުމަކީ ދިރިއުޅުމުގައި މިހާތަނަށް ލިބުނު އެންމެބޮޑު އުފަލެވެ.

އެކްޓަރު ރާޖްކުމާރު ބުނެފައިވަނީ ޒަވާޖީ ހަޔާތުގެ ބައިވެރިއަކަށް އެންމެ ގާތް ރަހްމަތްތެރިޔާ ވެގެންދިއުމީ ދިރިއުޅުން އުފާކޮށްދީ ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ވަރަށް މުހިއްމު ކަމެކެވެ.

އެކްޓަރު ރާޖްކުމާރްއާއި ޕަތްރަލެކާ އެކީގައި ކުޅެފައިވާ ފިލްމު "ސިޓީ ލައިޓް"އަކީ ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބިގިންދިޔަ ފިލްމެކެވެ. އެއަށްފަހު ޕަތްރަލެކާ ފެނިފައިވަނީ ވަރަށް މަދު ފިލްމުތަކަކުންނެވެ. އޭނާގެ އެންމެ ފަހުން ރިލީޒްވެފައިވަނީ، ޒީ5 އަލި އަލްޓް ބާލާޖީއިން ރިލީޒްކުރި "މޭން ހީރޯ ބޯލް ރަހާހޫ" ނަމަކަށް ކިޔާ ވެބް ސީރީޒްއެކެވެ.

2013ވަނަ އަހަރު ރިލީޒްވި ފިލްމު "ކައި ޕޯ ޗޭ"އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އެކްޓަރު ރާޖްކުމާރާއާއި ޕަތްރަލެކާ ލޯބީގެގޮތުން ގުޅިގެން އުޅޭކަން އިއުލާނުކުރީ 2010ވަނަ އަހަރުއެވެ.

ބޮލީވުޑްގައި ލޯބީގެގޮތުން ގުޅިގެން އުޅޭ ގިނަ ޖޯޑުތަކަށް ބްރޭކެއް އައިކަމުގައިވީ ނަމަވެސް ރާޖް އަދި ޕަތްރަލެކާ ވެފައިވަނީ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލު ޖޯޑަކަށެވެ. ހާއްސަކޮށް އެކްޓަރު ރާޖްކުމާރް ރާއޯގެ ފޭނުންގެ މެދުގައި ދެމީހުންގެ މަގުބޫލުކަންވެސް ވަރަށް ބޮޑެވެ.

ފިލްމު "ޝާހިދް"އިން އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑްވެސް ލިބިފައިވާ ރާޖްކުމާރް ރާއޯއަކީ ބޮލީވުޑުގައި ހިމެނޭ އެކްޓަރުންގެ ތެރެއިން ފިލްމުކުޅުމަށް ވަރަށް ލޯބިކުރާ އަދި ފޯރި ހުންނަ އެކްޓަރެކެވެ. ހެއްވާ މަޖާ ފިލްމުތައް ކުޅެ ބެލުންތެރިން ހެއްވާލާ އެކްޓަރު އަބަދުވެސް ބަލަނީ އާދަޔާ ޚިލާފު ތަފާތު ސްކްރިޕްޓެއް އެކުލެވޭ ފިލްމެއް ކުޅެވޭތޯއެވެ.

މިފަދަ ފިލްމުތަކުގެތެރޭގައި، ބަތަލާ ޝްރަދާ ކަޕޫރާއެކު ފެނިގެންދިޔަ ފިލްމު "ސްޓްރީ" އަދި ބަތަލާ ޖާންވީ ކަޕޫރާއެކު ކުޅެފައިވާ ފިލްމު "ރޫހީ" ހިމެނެއެވެ. ރާޖް ކުމާރް ރާއޯގެ އެންމެ ފަހުން ރިލީޒްވެފައިވާ ފިލްމަކީ، މިއަހަރުގެ އޮކްޓޯބަރު މަހު ޑިޒްނީ ހޮޓް ސްޓަރއިން ރިލީޒްވި ފިލްމު "ހަމް ދޯ ހަމާރޭ ދޯ"އެވެ.