މީގެ ދުވަސްކޮޅެއްކުރިން ޝޫޓިންގް ފެށިފައިވާ ފިލްމު "ލަޔަން"އިން ބަތަލާ ނަޔަންތާރާ ފެނިގެންދާނީ ވަރަށް ވަރުގަދަ އިންވެސްޓިގޭޓިންގް އޮފިސަރެއްގެ ރޯލްއިންކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ބަތަލާ ނަޔަންތާރާ ފިލްމުގައި ފެނިގެންދާ ރޯލާ ބެހޭގޮތުން ޚަބަރު ފެތުރިފައިމިވަނީ އޭނާ އެފިލްމްއިން ވަކިވާން ނިންމާފައިވާކަމަށް މީޑީއާ ރިޕޯޓުތަކުން ބުނަމުން ދަނިކޮށެވެ. ނަމަވެސް އިންޑިއާގެ ބައެއް ރިޕޯޓުތައްވަނީ މިޚަބަރު ދޮގުކޮށްފައެވެ.

މިދިޔަ މަހުގެތެރޭ ބައެއް މީޑިއާތަކުން މިގޮތަށް ޚަބަރު ފަތުރާފައިވަނީ އެކްޓަރު ޝާހްރުކް ޚާންގެ ދޮށީ ދަރިފުޅު އާރްޔާން ޚާން މަސްތުވާތަކެތީގެ ބޮޑު މައްސަލަގަނޑެއްގައި ހައްޔަރުކުރުމާ ގުޅިގެން ޝާހްރުކް ވަގުތީ ގޮތުން އޭނާ މަސައްކަތްކުރަމުންދިޔަ ފިލްމީ ޕްރޮޖެކްޓްތަކާ ދުރަށް ޖެހިލުމުންނެވެ.

އެގޮތުން ފިލްމު "ލަޔަން"އަކީވެސް ޝާހްރުކް މަސައްކަތް ފަށާފައިވާ ފިލްމުތަކުގެތެރޭ ހިމެނޭ ވަރަށް އުއްމީދީ ފިލްމެކެވެ. ޝާހްރުކްގެ ދަރިފުޅު އާރްޔަން ކަފާލާތުގެ ދަށުން މިވަގުތު ދޫކޮށްލާފައިވާތީ ޝާހްރުކްވަނީ ފިލްމީ މަސައްކަތްތައް އަލުން ފެށުމަށް ތައްޔާރުވެފައެވެ.

ތަމަޅަ ޑައިރެކްޓަރު އެޓްލީގެ މިފިލްމަކީ، ބަތަލާ ނަޔަންތާރާގެ ފުރަތަމަ ހިންދީ ފިލްމެވެ. މީގެކުރިން ނަޔަންތާރާވަނީ ޑައިރެކްޓަރު އެޓްލީގެ ފިލްމު "ބިޖްލީ"އިން ބެލުންތެރިންނަށް ފެނިފައެވެ. އަދި މިފިލްމަކީ، ވަރަށް ގިނަބައެއްގެ މެދުގައި މަގުބޫލުވެގެން ގޮސްފައިވާ ފިލްމެއްވެސްމެއެވެ.

އޮގަސްޓް މަހުގެ ފަހުކޮޅު ޝޫޓިން ފެށި "ލަޔަން" ގެ ކާސްޓްގައި ސާނިއާ މަލްއުތުރާ އާއި ސުނިލް ގްރޯވާ އާއި ޕްރިޔަމަނީ އާއި ރާނާ ދަގޫބަތީ އަދި އާކަންކްޝާ ސިންގް ހިމެނޭ ކަމަށް މީޑިއާތަކުން ބުނެ އެވެ. މިފިލްމުގައި ޝާހްރުކް ޚާން ފެނިގެންދާނީ ޑަބަލް ރޯލްއިންނެވެ.