މިދިޔަ އޮކްޓޫބަރު މަހުގެ 2ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ބޭރުގެ ކްރޫޒްލައިނާއެއްގައި ޕާޓީކުރަމުންދަނިކޮށް ހައްޔަރުކުރި އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އަރްޔާން ޚާންގެ ވާހަކަތައް މީޑީއާތަކާއެކު ހިއްސާކުރުމަށް އެކިފަރާތްތަކުން ބޮޑެތި ހުށަހެޅުންތަކެއް އާއިލާއަށް ހުށަހަޅާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިހާރު އިންޑިއާގެ އިތުރުން ބައިނަލްއަޤްވާމީ އެކި ފަރާތްތަކުގެ ނަޒަރުވެސް ހުއްޓިފައިވާ މިމައްސަލާއާ ގުޅޭގޮތުން އެއްވެސް ވާހަކައެއް މިހާތަނަށް ޝާހްރުކް ޚާން މީޑިއާގައި ހިއްސާކޮށްފައެއްނުވެއެވެ. އޭނާގެ ފަރާތުން މީޑިއާތަކުގައި މުޅިންވެސް ވާހަކަ ދައްކާފައިވަނީ އަރިއަންގެ ގާނޫނީ ޓީމުގެ މެމްބަރުންނެވެ. އޭގެ ތެރޭގައި އިންޑިއާގެ ކުރީގެ އެޓާނީ ޖެނެރަލް މުކުލް ރޮހާތުގީ ވެސް ހިމެނެއެވެ.

ބައިނަލްއަޤްވާމީ ބޮޑެތި މީޑިއާތަކުންވެސް އާރްޔާންގެ މައްޗަށް ތުހުމަތުކޮށްފައިވާ ޑްރަގް މައްސަލައާބެހޭގޮތުން ވާހަކަދެއްކުމަށް ޝާހްރުކްއަށް ހުށަހަޅާފައިވަނީ ބޮޑެތި އަގުތަކާއެކުކަމަށްވެސް މީޑީއާތަކުގައިވަނީ ބުނެފައެވެ.

އެހެންނަމަވެސް މިހާތަނަށްވެސް ޝާހްރުކްވަނީ މިކަމާގުޅޭގޮތުން އެއްވެސް ވާހަކައެއް ދެއްކުމަށް ދެކޮޅުހަދާފައެވެ. ޝާހްރުކްގެ އާއިލާއާއި ވަރަށް ގާތްގުޅުމެއް އޮންނަ ފަރާތަކާ ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ، މިމައްސަލައާގުޅޭގޮތުން ޝާހްރުކް ދައްކަން ބޭނުން އަދި އާއްމުންނާ ހިއްސާކުރަންބޭނުންވާ ވަރަށް ގިނަ ވާހަކަ ހުރިނަމަވެސް މިވަގުތު އޭނާ ޚިޔާރުކޮށްފައިވަނީ ހަނުހުރުމަށެވެ.

އޭނާ ދެކޭގޮތުގައި މީޑީއާތަކުގައި މޮޅެތި ވާހަކަތައް ދައްކައިގެން ދަރިފުޅަށް އިންސާފް ހޯދަން އޭނާ ބޭނުންނުވާކަމަށްވެސް މީޑީއާތަކުގައި ބުނެފައިވެއެވެ.

މަސްތުވާތަކެތީގެ މައްސަލައާގުޅިގެން ހައްޔަރުކުރުމަށްފަހު އޭގެ 28 ދުވަސްފަހުން އާރްޔަން ޚާންވަނީ ކަފާލާތުގެ ދަށުން ގެއަށް ދޫކޮށްފައެވެ. މިމައްސަލާގައި ދާދިފަހުން ހެކިބަސް ދިން ފަރާތަކުން ބުނެފައިވަނީ، އާރްޔަން ޚާން މަސްތުވާތަކެތީގެ މައްސަލަގަނޑެއްގެތެރެއަށް ވައްޓާލާފައިވަނީ ބަޔަކު ގަސްތުގައި ރާވައިގެންނެވެ.

މީގެކުރިންވެސް ޝާހްރުކްއަށް ސަޕޯޓްކުރާ އެތައްބަޔަކުވަނީ މިކަމާ ގުޅިގެން އެން.ސީ.ބީއާ ދެކޮޅަށް އެއްވުންތައް ބޭއްވުމަށްފަހު މިބީދައިން ވާހަކަ ދައްކާފައެވެ. އާރްޔަން ކަފާލާތުގެ ދަށުން ދޫކޮށްލުމާއެކު ޝާހްރުކްވަނީ ދަރިފުޅުގެ ސެކިއުރިޓީ ކަންކަން އިހުނަށްވުރެ ދެގުނަ ވަރުގަދަކޮށްފައެވެ.

ސަބަބަކީ، މިހާރުވެސް މިމައްސަލައިގެ ތަހުގީގު ވަރަށް ބާރަށް ހިނގަމުން ދިއުމާއެކު އާރްޔަން އެކިފަހަރުމަތިން އެން.ސީ.ބީގެ އޮފީހަށް ހާޒިރުކުރުމަށް އަންގަމުންދާތީއެވެ. ޝާހްރުކް މިހާރު ތައްޔާރުވަމުން އަންނަނީ ސްޕެއިންގައި ކުރިއަށްދާ އޭނާގެ ކުރިޔަށްއޮތް ފިލްމު "ޕަތާން"ގެ ޝޫޓިންގްއަށް ފުރުމަށެވެ.