މެދު އިރުމަތީގަ ބާއްވާ އެންމެ މަގުބޫލް ޓްރެވަލް ޓްރޭޑް ފެއާ ކަމުގައިވާ ގަތަރު ޓްރެވެލް މާޓް 2021 ގައި ރާއްޖޭން ބައިވެރިވެއްޖެއެވެ.

މި ފެއާ ކުރިއަށްދާނީ މި މަހު 16 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފެއާގެ އިތުރުން މި މަހު 16 ވަނަ ދުވަހުގެ ރޭ ވިޒިޓް މޯލްޑިވްސް އިން ދޯހާގައި ރާއްޖެ އަށް ހާއްސަ ރޯޑްޝޮއެއް ވަނީ ބާއްވާފައެވެ

ގަތަރު ޓްރެވެލް މާޓްގައި ވިޒިޓް މޯލްޑިވްސް އާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 22ކުންފުންޏަކުން ވަނީ ބައިވެރިވެފައިވެއެވެ. އަދި ރޯޑްޝޯގަ ވިޒިޓް މޯލްޑިވްސް އާއެކު 10 އިންޑަސްޓްރީ ޕާޓްނާސް ބައިވެރިވިއެވެ.

މި ފެއާގައި ރާއްޖެ އިޝްތިހާރު ކުރެވިގެންދާނީ ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތަކުން ފަރުމާކުރެވިފައިވާ 12 އަކަމީޓަރުގެ ސްޓޭންޑެއްގައެވެ. މި ފެއާގެ ތެރެއިން ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރެވިގެންދާނެއެވެ.

އަދި ފެއާގެ ސްޓޭންޑުގައި ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ޕްރޮމޯޝަނަލް ވީޑީއޯއެއް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ރާއްޖެއާއި ބެހޭ ސުވާލުތައް އެކުލެވޭ ކުއިޒެއް ކުރިއަށްގެންދެވޭނެއެވެ. މިކުއިޒުގައި ބައިވެރިވާ ފަރާތްތަކުގެމެދުގައި ނެގޭ ގުރުއަތަކުން މޮޅުވާ ފަރާތަކަށް ރާއްޖޭގެ ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. މި ގުރުއަތު ސްޕޮންސާކޮށްފައިވަނީ ޖޭ ޑަބްލިޔު މެރިއޮޓްއިންނެވެ.

ގަތަރު ޓްރެވެލް މާޓްގެ ރާއްޖޭގެ ސްޓޭންޑް ފަރުމާކުރެވިފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެއްގޮތްވާ ގޮތުންގެ މަތިންނެވެ. ރާއްޖޭގެ ސްޓޭންޑުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އަދި ޒިޔާރަތްކުރައްވާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެއްފަހަރާ ސްޓޭންޑަށް ވަދެވޭ މީހުންގެ އަދަދު ބަލަހައްޓައި ކޮންޓްރޯލް ކުރުމުގެ އިންތިޒާމްވެސް ހަމަޖެހިފައި ވެއެވެ.

ވިޒިޓް މޯލްޑިވްސް އިން މެދު އިރުމަތީ މާކެޓްގައި ރާއްޖޭގެ މަގުބޫލު ދަމަހައްޓާ އިޝްތިހާރުކުރުމުގެ ގޮތުން މިއަހަރު ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. މީގެތެރޭގައި ފެމިލިއަރައިޒޭޝަން ދަތުރު، ވެބިނާ، އަދި އެކި ޖޮއިންޓް ކެމްޕެއިންތައް ހިމެނެއެވެ.

ވިޒިޓް މޯލްޑިވްސް އިން މި އަހަރު ބައިވެރިވި އެންމެ ބޮޑު އެއް ފެއާކަމުގައިވާ ޢަރަބިއަން ޓްރެވެލް މާޓް 2021 އަކީވެސް މެދުއިރުމަތީ މާކެޓްގައި ކުރިއަށްދިޔަ ފެއާއެކެވެ.