ނަތީޖާ ނެރުމަށް ގޮންޖެހުންތަކަކާއި ކުރިމަތިވެފައިވާ އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗަސްޓަރ ޔުނައިޓެޑްގެ ކޯޗުކަމާއި ހަވާލުވުމަށް، ރެއާލް މެޑްރިޑަށް ދެފަހަރެއްގެ މަތިން ކޯޗުކަން ކޮށްދީފައިވާ ޒައިނެއްދީން ޒިދާން އަށް އޮތް ހުރަހަކީ އޭނާގެ އަންހެނުން، ވެރޯނިކް ޒިދާންކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސްޕެއިންގެ މީޑިއާއަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔުނައިޓެޑުން އަންނަނީ އެކުލަބުގެ މިހާރުގެ ކޯޗު، އޮލެ ގުނަ ސޯލްޝެއާ މަގާމުން ވަކިކުރުމަށް މަޝްވަރާކުރަމުންނެވެ. އަދި ދެން އެކުލަބުގެ ހުންގާނުގައި ހިފާނެ ކޯޗެއް ހޯދުުމަށް މަސައްކަތް ކުރަމުން އަންނައިރު، ކުލަބުގެ ވެރިން އެންމެ ބޭނުންވާ ކޯޗަކީ، ޒިދާންކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

އެހެންނަމަވެސް ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑްގެ ކޯޗުކަމާއި ޒިދާން ކިތަންމެ ހަވާލުވާން ބޭނުންވީ ނަމަވެސް، އޭނާގެ އަންހެނުން އަންނަނީ އެކަމާއި ދެކޮޅު ހަދަމުންނެވެ. ވެރޯނިކް މިކަމާ ދެކޮޅުހަދާ ސަބަބެއް ކަމުގައި ބުނެފައިވަނީ އޭނާ މެންޗަސްޓަރ ގައި ދިރިއުޅެން ބޭނުން ނުވުން ކަމަށާއި، ޔުނައިޓެޑްގެ ކޯޗުކަމާއި ޒިދާން ހަވާލުވުމުުގެ ބަދަލުގައި، ކޯޗިންގ ކެރިއަރުން ކުޑަ ބްރޭކެއް ނެގުމަށް ވެރޯނިކް އަންނަނީ ޒިދާން އަށް ބާރު އަޅަމުންނެވެ.

އެހެންނަމަވެސް ޔުނައިޓެޑްގެ ވެރިން ތިބީ އެކުލަބުގެ ކޯޗުކަމަށް ޒިދާން ގެނެވޭނެކަމުގެ އުންމީދުގައި ކަމަށްވެއެވެ. މިކަން ހާސިލްވާނެ އެންމެ ބޮޑު ސަބަބަކީ، އެކުލަބުގައި ޒިދާންގެ އިރުޝާދުގެ ދަށުން މީގެކުރިން ރެއާލް މެޑްރިޑަށް ކުޅެފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރަފައެލް ވަރާން ހުރުމެވެ. ހާއްސަކޮށް ރޮނާލްޑޯ އަކީވެސް އަދި ވަރާން އަކީވެސް ޒިދާންގެ "ފޭވަރިޓުން" ކަމުގައިވުން މިއީ، މި ޑީލް ކާމިޔާބުވުމުގައި ބޮޑު ދައުރެއް އަދާކުރާނެކަމެއް ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމުން ސޯލްޝެއާ ވަކިކުރުމަށް ޔުނައިޓެޑްގެ ވެރިން ވިސްނަމުން ދަނީ، އެކުލަބުން މި ސީޒަނުގައި ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. އެގޮތުން ޕްރިމިއަރ ލީގުގައި ލަދުުވެތިގޮތަކަށް ލިވަޕޫލް އަތުންވީ ބައްޔާއި، ވާދަވެރި މެންޗަސްޓަރ ސިޓީ އަތުންވީ ބަލީގެ ސަބަބުން، ޔުނައިޓެޑްގެ ވެރިން މިހާރު ބުރަވަނީ ސޯލްޝެއާ ވަކިކުރުމަށް ކަމަށްވެއެވެ.

ޔުނައިޓެޑުން ޒިދާން އަށް ފާރަލަމުން އަންނަކަމަށް ރިޕޯޓުތައް ބުނާއިރު، މިހާތަނަށް ޒިދާން ކޯޗުކޮށްދީފައިވަނީ ހަމައެކަނި ރެއާލް މެޑްރިޑަށެވެ. އެންމެފުރަތަމަ ޒިދާން އަދާކުރީ ރެއާލްގެ އެސިސްޓަންޓް ކޯޗުގެ މަގާމެވެ. އެއްއަހަރު އެމަގާމުގައި ހުރުމަށްފަހު، ރެއާލްގެ ޖޫނިއަރ ޓީމަށް ހެޑްކޯޗެއްގެ ގޮތުގައި ޒިދާން އިރުޝާދުދިންއިރު، އެކުލަބުގެ ސީނިއަރ ޓީމާއި އޭނާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. ދެއަހަރު ހެޑް ކޯޗެއްގެ ގޮތުގައި ރެއާލް އަށް އިރުޝާދުދިނުމަށްފަހު އެއްއަހަރުގެ މެދުކެނޑުމެއް އައިސް، ދެން ޒިދާން އެކުލަބާ ހަވާލުވީ 2019 ވަނަ އަހަރުއެވެ.

ޒިދާން ރެއާލްގެ ކޯޗުކަމުން ވަކިވީ މިއަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހުއެވެ. އެއަށްފަހު އަދި މިހާތަނަށް އޭނާ އެހެން ކުލަބަކަށް އިރުޝާދު ދީފައެއް ނުވެއެވެ.

ކޯޗެއްގެ ގޮތުގައި ޒިދާން ހޯދާފައިވާ ކާމިޔާބީތަކަށް ބަލާލާއިރު، ރެއާލާއެކު އޭނާވަނީ ދެފަހަރެއްގެ މަތިން ސްޕެނިޝް ލަލީގާ ކާމިޔާބު ކޮށްފައެވެ. އަދި ސުޕާ ކޮޕާ ދެފަހަރު، ޗެމްޕިއަންސް ލީގު ތިންފަހަރު، ޔޫއެފާ ސުޕާ ކަޕް ދެފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ދެފަހަރަށް ކާމިޔާބު ކޮށްފައިވެއެވެ.