ސިވިލް ސަރވިސް މަގާމުތަކަށް މުވައްޒަފުން ނަގާއިރު މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހޯދަންޖެހޭ އުސޫލު އުވާލައިފިއެވެ.

ސިވިލް ސާވިސްގެ ހުސްވާ މަގާމުތަކަށް މުވައްޒަފުން ނެގުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖެއްސީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައެވެ.

އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސިވިލް ސާރވިސް މަގާމުތަކަށް މުވައްޒަފުން ނަގާއިރު ފިނޭންސްގެ ހުއްދަ ނަގަން ޖެހޭގޮތަށް އުސޫލް ހަމަޖައްސާފައި އޮތެވެ. އަދި އެ އުސޫލު އުވާލީ އިއްޔެގައެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން ބުނިގޮތުގައި ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ނެގުމުގައި އިއްޔެއާ ހަމައަށް އަމަލުކުރަމުން އައި އުސޫލަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ.

އެ އުސޫލް އުވާލައި ސިވިލް ސާރވިސް ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް ފިނޭންސްގެ މާލިއްޔަތާ ބެހޭ ސަރކިއުލަރ އިން، ސިވިލް ސަރވިސްގެ އިދާރާތަކުން ހުސްވާ މަގާމުތަކަށް މުވައްޒަފުން ނެގުމުގައި މިހާރު އަމަލު ކުރަމުންދާ އުސޫލު ބަދަލުކޮށް، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހޯދުމުގެ ބަދަލުގައި، ބަނޑޭރި ޕޯޓަލްގެ ތެރެއިން އެ އިދާރާއެއްގެ ނުވަތަ ދާއިރާގެ ފައިނޭންސް އެގްޒެކެޓިވްގެ ހުއްދަ އާއެކު މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް އަންގާފައިވާ ކަމަށެވެ.

ސިވިލް ސާރވިސް ކޮމިޝަނުން ބުނީ، 1 ޖަނަވަރީ 2020 ގެ ފަހުން، ސިވިލް ސަރވިސްގެ އިދާރާތަކުން ހުސްވެފައިވާ ނުވަތަ ހުސްވާ މަގާމުތަކަށް މުވައްޒަފުން ނެގުމުގައި، ހަވާލާދެވުނު މިނިސްޓްރީ އޮފް ފިނޭންސްގެ މާލިއްޔަތާ ބެހޭ ސަރކިއުލަރ ގައިވާ މިންގަނޑަށް ފެތޭ މަގާމުތަކަށް، އެ ސަރކިއުލަރގައިވާ ގޮތަށް އަމަލުކޮށް، ވަޒީފާ ހަމަޖެއްސުމަށް ސީއެސް ވިއުގަ މެދުވެރިކޮށް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމުގައި، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިނޭންސް އެގްޒެކެޓިވް ދެއްވާފައިވާ ހުއްދައިގެ ސްކްރީން ޝޮޓެއް ހިމެނުއްވުމަށް އެދޭކަމަށެވެ.

އެކޮމިޝަނުން ބުނީ އިއްޔެއިން ފެށިގެން، މާލިއްޔަތާބެހޭ ސަރކިއުލަރގައިވާ މިންގަނޑަށް ފެތޭ މަގާމުތަކަށް މީހުން ހަމަޖެއްސުމަށް ކޮމިޝަނަށް ހުށަހެޅުމުގައި މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓުން މުވައްޒަފުންގެ ހަރަދުތަކަށް ހިނގާނެކަމަށް ފިނޭންސުން ލަފާކޮށްފައިވަނީ 9.7 ބިލިއަން ރުފިޔާއެވެ. މިއީ ޖުމްލަ ހަރަދުގެ 26.4 ޕަސެންޓެވެ. މި އަދަދުގެ ތެރެއިން މުސާރަ އާއި އުޖޫރައިގެ ގޮތުގައި 5.4 މިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައި ވާއިރު އެލަވަންސްތަކަށް އިތުރު 4.3 މިލިއަން ރުފިޔާ ހޭދަވާނެކަމަށް ލަފާކޮށްފައިވެއެވެ.

މިއީ މި އަހަރު މުވައްޒަފުންގެ ހަރަދުތަކަށް ހިނގާނެކަމަށް ލަފާކުރި 8.6 ބިލިއަން ރުފިޔާއަށް ވުރެ 13 ޕަސެންޓު އިތުރު އަދަދެކެވެ. އަންނަ އަހަރު ހުސްވެފައިވާ މަގާމުތަކަށާއި އަލަށް އުފައްދާ މަގާމުތަކަށް 3،244 މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވެއެވެ. ސިވިލް ސާވިސް މުވައްޒަފުންގެ ޖުމްލަ އަދަދުގެ ގޮތުގައި މި ހިނގާ ނޮވެމްބަރު 10ގެ ނިޔަލަށް ރެކޯޑްކޮށްފައި އޮތީ 26،779 މުވައްޒަފުންނެވެ.

ސިވިލް ސާރވިސް މަޤާމުތަކަށް މީހުން ނެގުމުގައި ހުއްދަ ނަގަން ނުޖެހޭ ގޮތަށް މި ހަމަޖެއްސީ އިދާރާތަކުގެ ހިންގުމަށް ހުރި ދަތިތައް ހައްލުކުރުމަށް ވަޒީފާއަށް މީހުން ނެގުމަށް އަންނަ އަހަރަށް ލަފާކުރާ ބެޖެޓުގައި ފައިސާ ހިމަނާފައި ވަނިކޮށެވެ.

އެގޮތުން މިކަމަށް އަންނަ އަހަރުގެ ބަޖެޓްގައި ވަނީ 622.6 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.