ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިހާރު ކުރިއަށްދާ ސައުތް އޭޝިއަން ބާސްކެޓްބޯޅަ މުބާރާތް (ސާބާ)ގެ ހަވަނަ މުބާރާތުގައި ރާއްޖެއިން ކުޅުނު ތިންވަނަ މެޗުގައި، އަވަށްޓެރި ސްރީލަންކާ އަތުން ބަލިވެއްޖެއެވެ.

ބުރާސްފަތި ދުވަހު ހެނދުނު ކުޅުނު މިމެޗުން ރާއްޖެ ބަލިވީ 45-77 ޕޮއިންޓުންނެވެ.

މެޗުގެ އެންމެ ކުރީކޮޅު ރާއްޖެ ޓީމުން ރަނގަޅަށް ކުޅުނު ނަމަވެސް، ލަންކާ ޓީމުން ވަނީ މަޑުމަޑުން ގޭމުގެ ތެރެއަށްވަދެ މެޗުގެ ކޮންޓްރޯލް ނަގާފައެވެ. މިމެޗުގެ ފުރަތަމަ ކުއާޓަރ ލަންކާ އިން ކާމިޔާބުކުރީ 8-21 ޕޮއިންޓުންނެވެ. އެހެންނަމަވެސް ދެވަނަ ކުއާޓަރ ގައި ރާއްޖެއިން އެޓޭކިންގ ގޭމެއް ކުޅުމެއް މަސައްކަތް ކޮށްފައިވާއިރު ރާއްޖެ ޓީމުން ވަނީ މިކުއާޓަރ ގައި 15 ޕޮއިންޓު ހަދާފައެވެ. މި ކުއާޓަރ ލަންކާ ނިންމާލީ 23-43 އިން ކުރީގައި އޮވެގެންނެވެ.

ތިންވަނަ ކުއާޓާގައި ލަންކާއިން ވަރަށް ބޮޑަށް މެޗުގެ ކޮންޓްރޯލް ހޯދިއިރު މިކުއާޓަރ ލަންކާއިން ނިންމާލީ ރާއްޖެއަށްވުރެ ދެގުނަ ބޮޑު ނަތީޖާއަކާއި އެކުއެވެ. އެގޮތުން މި ކުއާޓަރ ނިމުނީ 32-60 އިން ލަންކާ ކުރީގައި އޮވެގެންނެވެ.

މިހާތަނަށް ރާއްޖެއިން މި މުބާރާތުގައި ތިންމެޗު ކުޅެފައިވާއިރު އަދި މޮޅުވެފައެއް ނުވެއެވެ. ފުރަތަމަ މެޗުގައި ސަރަހައްދީ ގަދަބާރު އިންޑިއާ އަތުން 31-88 ޕޮއިންޓު ބަލިވިއިރު ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވީ 65-86 ޕޮއިންޓުންނެވެ.

މި ފަހަރުގެ މުބާރާތާ ރާއްޖެ ކުރިމަތިލާފައިވަނީ މުޅިން ދިވެހި ކޯޗުންގެ ޓީމަކާއެކުއެވެ. އެގޮތުން ގައުމީ ޓީމުގެ ކޯޗުގެ މަގާމު ފަހަކަށް އައިސް ބާސްކެޓުބޯޅައިގައި ވިދަމުން އަންނަ ކޯޗު އިލްޔާސް އިބްރާހިމް (އިއްލެ) ފުރަމުން އަންނައިރު، އިއްލެ އާއެކު އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވަނީ ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން މުޙައްމަދު ޒިލާލް (ޒިލާ) އާއި، ކުރީގެ ބާސްކެޓްބޯޅަ ތަރި އަލީ ފަޒްލީ އަދި މުޙައްމަދު ނަސީރެވެ.