ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އިސްތިއުނާފް ކުރެއްވި މައްސަލާގައި، އެމަނިކުފާނުގެ އެކައުންޓަށް ޑޮލަރު ޖަމާކުރި ޗެކާއި ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދައުލަތުގެ ވަކީލުންނަށް ގިނަ ސުވާލުތަކެއް އަމާޒުކުރައްވައިފިއެވެ.

މި މައްސަލައިގެ އަޑުއެހުންތައް މިހާރު ނިންމާލާފައިވާއިރު، މައްސަލަ ދިރާސާ ކުރައްވަމުން ގެންދަވަނިކޮށް ފާހަގަވި ކަމަކާ ގުޅޭގޮތުން ދައުލަތާ ސުވާލު ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ޗެކް ޑިޕޮސިޓް ސްލިޕުގައިވާ ނަންބަރާއި އެސްއޯއެފް ކުންފުނީގެ ބޭންކް ސްޓޭޓްމަންޓުގައިވާ ނަންބަރު ދިމާނުވާ ކަމަށެވެ.

އެކަމާ ބެހޭގޮތުން ސުވާލުކުރެއްވުމުން ދައުލަތުގެ ވަކީލް އަހުމަދު ނައުފަލް ވިދާޅުވީ ޗެކްގެ ނަންބަރު ނުބައިކޮށް އޮތީ ބޭންކް ސްޓޭޓްމެންޓް އެންޓާކުރުމުގެ ތެރޭގައި އަރާފައިވާ އޮޅުމަކުންކަމަށް ބެލެވޭ ކަމަށެވެ.

މައްސަލާގައި ދައުވާކުރިއިރު ސްޓޭޓްމެންޓްގައި އެކައުންޓް ނަންބަރު ނުބައިކޮށް އޮތްކަން ފާހަގަވެފައި ނުވި ނަމަވެސް، އެކަން ފާހަގަވުމާއެކު ބޭންކުން އެކަން ސާފުކޮށް ޗެކާއި ޑެޕޮސިޓް ސްލިޕް ހޯދި ކަމަށާއި ބޭންކުން ވެސް މައުލޫމާތު ދީފައިވަނީ ސްޓޭޓްމެންޓްގައި ނަންބަރު އޮޅިގެން ނުބައިކޮށް ޖެހިފައި އޮތީކަން ކަމަށް ނައުފަލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލިއިރުވެސް، ވޮޑުމުލާގެ ޗެކް ދައުލަތަށް ލިބިފައި ނުވާކަމަށް ނައުފަލް ވިދާޅުވި ނަމަވެސް، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުالله ޒިޔަތުގެ މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓަށް ވޮޑުމުލާގެ ޗެކް ހުށަހަޅާފައިވެއެވެ.

އެކަމާ ގުޅޭގޮތުން ފަނޑިޔާރު ސުވާލުކުރެއްވުމުން ނައުފަލް ވިދާޅުވީ، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގައި ދެ މައްސަލަ ކުރިއަށް ގެންދިޔައީ ދެ ޓީމަކުން ކަމަށްވާތީ ދެ މައްސަލާގައި ހިމެނޭ ލިޔުންތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިނުވާ ކަމަށެވެ.

އެކަމަށް ރައްދު ދެއްވާ ރައީސް ޔާމީންގެ ދިފާއީ ވަކީލް ވިދާޅުވީ އެއީ ކޮންމެ މައްސަލައެއްގައި ލިބިފައި އޮތް ލިޔުމެއް ނަމަވެސް، އެ ލިޔުމަކީ ދައުލަތަށް ލިބިފައިވާ މި މައްސަލާގައި މުހިންމު ލިޔުމަކަށްވާއިރު ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި، ތަހުގީގީ އިދާރާތަކުން ވަކި މައްސަލައެއްގައި ވަކި ލިޔުމެއް ނުދިނުމަށް ނިންމައި, ދައުލަތުގެ ކޮންމެ ވަކީލަކަށް ވަކި ދައުލަތެއްގެ ގޮތަށް އަމަލު ނުކުރެވޭނެ ކަމަށްވެސް ޝިޔާޒް ވިދާޅުވިއެވެ.

އަދި، ސްޓޭޓްމެންޓްގައި އެކައުންޓް ނަންބަރު އޮތީ އޮޅިގެން ކަމަށް ދައުލަތުން ބުނި ނަމަވެސް, އެކަން ގަބޫލު ނުކުރެވޭ ކަމަށާއި، އެކަން ފާހަގަވުމުން ދަށު ކޯޓުގައި ދައުލަތުން އެކަން ފާހަގަކޮށް އިސްލާހުކޮށްފައި ނެތަތީ، ދައުލަތުން އެކަމާމެދު އިހުމާލުވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދެފަރާތާ ސުވާލުކުރެއްވުމަށްފަހު އަޑުއެހުން ނިންމާލައްވަމުން ފަނޑިޔާރު މަހާޒު ވިދާޅުވީ ސުޕްރީމް ކޯޓު ޑިސެމްބަރު މަހު ރިސެސްއަށް ދިޔުމުގެ ކުރިން މައްސަލާގައި ހުކުމް އިއްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.