ޓުވާލޫގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ކްލައިމެޓް ޗޭންޖް، ސެވޭ ޕިނިއު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރުކުރި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޓުވާލޫގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ކްލައިމެޓް ޗޭންޖް އަށް މަރުޙަބާ ވިދާޅުވެ މިއަހަރު ގްލާސްގޯގައި ބޭއްވި ކޮޕް26 ސަމިޓުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ކަންތައްތަކާއި ގުޅޭގޮތުން، އަޑުއުފުލުމުގައި ޓުވާލޫ ސަރުކާރުން ކޮށްދެއްވާފައިވާ ގިނަގުނަ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޓުވާލޫގެ ކޮވިޑްގެ ހާލަތު އޮޅުންފިލުއްވައި، މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަމާއި، މަސްވެރިކަން ފަދަ ތަފާތު މަޝްރޫއުތައް މަޝްވަރާކުރައްވާފައިކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ޓުވާލޫގެ މިނިސްޓަރ ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހި ސަރުކާރުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތަށް ތައުރީފުކުރައްވައި، ކޮޕް26 ސަމިޓުގައި ރައީސް އާއި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ އަދާކުރެއްވި މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ޓުވާލޫގެ މިނިސްޓަރ ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.