2019 ވަނަ އަހަރު ބޭއްވި އޯލެވެލް އިމްތިހާނުގައި ދުނިޔޭގެ 1 ވަނަ ރާއްޖޭގެ 5 ދަރިވަރަކަށް ލިބިއްޖެއެވެ.

2019 ވަނަ އަހަރުގެ އޯލެވެލް އާއި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރޭގައި 419 ދަރިވަރަކު ވަނީ ގަދަ 10 ގައި ހިމެނިފައެވެ.

އަދި އޭގެ ތެރެއިން 28 ދަރިވަރަކު ގައުމީ ގަދަ 10ގެ އެއްވަނައިގައި ހިމެނުނުއިރު 5 ދަރިވަރަކު ވަނީ ދުނިޔެއިން 1 ވަނަ ހާސިލްކޮށްފައެވެ.

އަދި 42 ދަރިވަރަކު ދުނިޔޭގެ އެކި ވަނަތަކުގައި ހިމެނުނެވެ. އަދި 11 ދަރިވަރަކު ވަނީ ހައި އެޗީވްމަންޓް ހާސިލްކޮށްފައެވެ.

މި ދަރިވަރުންނަށް އީނާމާއި އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި ނައިބް ރައީސް ފައިސަލް ނަސީމާއި ވަޒީރުންނެވެ.

2019 ވަނަަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ޖުމްލަ 4،987 ދަރިވަރުން ބައިވެރިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 2538 ފިރިހެން ދަރިވަރުންނާއި 2449 އަންހެން ދަރިވަރުންނެވެ.

އަދި މި ދަރިވަރުންގެ ތެރެއިން 3 މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު ވަނީ 67 އިންސައްތައަށް އަރާފައެވެ. އަދި 5 މާއްދާއަށް ވުރެ ގިނަ މާއްދާތަކުން ފާސްވި ދަރިވަރުންގެ އަދަދު އުޅެނީ 68.3 އިންސައްތަ ގައެވެ.

މިރަސްމިޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވަނީ ދަރިވަރުން މޮޅުވާނެ މިންވަރާ މެދު ގައުމީ ނަޒަރުންނާއި މުދައްރސިުންގެ އަންދާޒާއާއި ބެލެނިވެރިން ހީކުރާގޮތް ދަށްނަމަ ދަރިވަރުންގެ ފެންވަރު ރަނގަޅު ނުވާނެކަން ފާހަގަކުރައްވާފައެވެ.