މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1،092،105 އަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1،092،105 ފަތުރުވެރިން ޒިޔާރާތްކޮށްފައި ވެއެވެ.

މިއަހަރުގެ މިހާތަނަށް 1.09 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މިމުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ.

އިންޑިއާއިން ރާއްޖެއަށް 244،928 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފައިވާއިރު، ދެވަނައަށް 198،775 ފަތުރުވެރިންނާއެކު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާއިންނެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓުގައި ދެން ހިމެނެނީ، ޖަރމަނީ، އެމެރިކާ، ސައުދީ އަރަބިއްޔާ، ޔޫކްރެއިން، ސްޕެއިން، އިނގިރޭސިވިލާ އަދި ފްރާންސްގެ އިތުރަށް ކަޒަކިންސްތާނެވެ.

ރާއްޖޭން ބޭރުގެ 26 އެއާލައިނަކުން ރާއްޖެއަށް މިހާރު ދަތުރުކުރާއިރު، އެންމެ ގިނަ ފަތުުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނި އެމިރޭޓްސް މެދުވެރިކޮށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، މިދިޔަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިފަހުން، ފަތުރުވެރިންނަށް ހިދުމަތްދޭ 1،116 ތަނެއް މިހާރު ވަނީ ހުޅުވާލާފައެވެ.

މީގެތެރޭގައި ހިމެނެނީ، 167 ރިސޯޓާއި، 792 ގެސްޓްހައުސްގެ އިތުރުން 157 ސަފާރީއެވެ. މިއީ 51،882 ބެޑް ކެޕޭސިޓީއެވެ.

ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލަކަށް ހެދުމުގެ ގޮތުން، ޓުއަރިޒަމް މިނިސްޓްރީން ފެށި ވެކްސިން ޕްރޮގްރާމުގެ ދަށުން މިހާތަނަށް 95 އިންސައްތަ ރިޒޯޓް މުވައްޒަފުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.