އިންޑިޔާގެ ސިނަމާއަށް 100 އަހަރު ފުރުން ފާހަގަ ކުރުމަށާއި ކަންނާޑާ ސިނަމާއަށް 87 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ "ކަރްނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް 2021"ގައި ބައިވެރިވާ ރާއްޖޭގެ ޓީމު އިންޑިއާއަށް ދިއުމަށް އިއްޔެ ފުރައިފިއެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި ކަރްނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 19 އިން 20ށެވެ.

އިންޑިއާގެ ކަރްނާޓަކާގައި ބާއްވާ ”ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލްގައި ދިވެހިރާއްޖެ ތަމްސީލު ކުރުމުގެ ގޮތުން މޯލްޑިވްސް ސޮސައިޓީ ފޯރ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) އިން ބައިވެރިވެ ފައިވާއިރު، އެމް.އެސް.ޕީ.އޭގެ ޓީމާއެކު މިފަހަރުގެ ފެސްޓިވަލުގައި ރާއްޖޭން ދެއްކުމަށް ހަމަޖެހިފައިވާ ދެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުވެސް ބައިވެރިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކަންޓްރީ އޮފް ފޯކަސްގެ ގޮތުގައި މިފަހަރު ކަނޑައަޅާފައި ވަނީ ދިވެހިރާއްޖެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި ފެސްޓިވަލާ ގުޅޭގޮތުން އިންޑިއާގެ ބައެއް ލޯކަލް މީޑިއާތަކަށް މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމް.އެސް.ޕީ.އޭގެ ޗެއަރމަން އަދި މަޝްޙޫރު ޕްރޮޑިއުސަރ ޑައިރެކްޓަރ މުހައްމަދު ރަޝީދު (ދަރާ ރަޝީދު) ވިދާޅުވީ، މިފަދަ ފެސްޓިވަލެއްގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބޭތީ ވަރަށް އުފާކުރާ ކަމަށް ރަޝީދު ވިދާޅުވެފައިވެއެވެ.

އަދި މިއީ އެމް.އެސް.ޕީ.އޭން މިގޮތަށް ބައިނަލްއަޤްވާމީ ފިލްމް ފެސްޓިވަލެއްގައި ބައިވެރިވާ ފުރަތަމަ ފަހަރުކަމުން، ފެސްޓިވަލާމެދު ފޮނި އުއްމީދުތަކެއް ކުރެވޭކަމަށް އޭނާ ވަނީ އިންޑިޔާގެ މީޑިޔާގައި ވާހަކަދައްކަވަމުން ވިދާޅުވެފައެވެ.

ރަޝީދު ވިދާޅުވީ، މިފަހަރުގެ ފެސްޓިވަލުގައި ދިވެހި 2 ފިލްމެއް އެޅުވުމުގެ އިތުރުން މިއީ ރާއްޖެ ތަމްސީލު ކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

އަދި ރާއްޖޭގެ ސަގާފަތާއި، ފަންނުވެރިކަންވެސް ފެސްޓިވަލުގެ ބައިވެރިންނަށް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރަޝީދު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުންވެސް މިއީ ދިވެހި ފިލްމް އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންނަށް އިންޑިއާގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާ ބައްދަލުވެ، ތަޖުރިބާ ބަދަލު ކުރުމަށް ލިބިގެންދާ ބޮޑު ފުރުސަތެއް ކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.

”އެމް.އެސް.ޕީ.އޭއަކީ ހަމައެކަނި ފިލްމްތަކަށް ޚާއްސަ އެސޯސިއޭޝަނެއްނޫން. އަޅުގަނޑުމެން ބޭނުންވޭ މުޅި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީ ކުރިއަރުވަން. އެހެންވީމަ ރާއްޖޭގެ އެންޓަޓައިންމަންޓް އިންޑަސްޓްރީއަށްވެސް މިއީ ލިބޭނެ އިތުރު އެކްސްޕޯޝަރއެއް“.
އެމް.އެސް.ޕީ.އޭގެ ޗެއަރމަން އަދި މަޝްޙޫރު ޕްރޮޑިއުސަރ ޑައިރެކްޓަރ: މުހައްމަދު ރަޝީދު (ދަރާ)

"ކަރްނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް 2021"ގައި ދެއްކުމަށް ރާއްޖެއިން ހަމަޖެހިފައިވާ ދެފިލްމަކީ "ހައްދު" އަދި "ބަވަތި"އެވެ.