މަޝްހޫރު ލަވަ ކިޔުންތެރިޔާ ހޮޅުދޫ އަބްދުﷲ ހަސަން މިއަދު އަވަހާރަވެއްޖެއެވެ.

"ގައުމީ ގުރާ"ގެ ނަމުން މަޝްހޫރު ލަވަ ކިޔުންތެރިޔާ ހޮޅުދޫ އަބްދުﷲ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިއަދު އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

އަބްދުﷲ ހަސަންގެ ޖަނާޒާ މަޣުރިބް ނަމާދަށް ފަހު ބާއްވަން އާއިލާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ހޮޅުދޫ އަބްދުﷲ އަކީ، ލަވަ ކިޔުއްވުމުގެ ރޮނގުން ރާއްޖޭގައި ނަން މަޝްހޫރު ބޭފުޅެކެވެ. ތަފާތު ލަވަތައް ކިޔުއްވައި އާންމުންގެ ކުރިމަތީގައި މަގްބޫލު ލަވަކިޔުންތެރިއެއްގެ މަޤާމު ހޯއްދަވާފައިވެއެވެ.

ހޮޅުދޫ އަބްދުﷲ ވަނީ ދިވެހި ލަވަކިޔުމުގެ ރޮނގުން 1981ވަނަ އަހަރު ޢާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމުވެސް ހާސިލްކުރައްވާފައެވެ.

އޭނާ ކިޔުއްވާފައިވާ ގައުމީ ލަވަތަކުގެތެރޭގައި އޯވަޒަން، ވަޠަން އެދޭގޮތަށް، ޖޯޝޭ ގެނައިމީ ގައުމީ އުފާ، ފަދަ މަޝްހޫރު ލަވަތައް ހިމެނެއެވެ.

މަދަޙަ އާއި މަވްލޫދު ޅެމާއި ގައުމީ އެކި މުނާސަބަތު ތަކަށް ހަދާފައިވާ ލަވަތައް އޭނާ ވިދާޅުވެފައިވެއެވެ. މީގެ އިތުރަށް، އަސާސީ ތައުލީމްގެ މަޝްރޫއުގެ ދަށުން ރާއްޖޭގައި ކިޔަމުންދިޔަ ލަވަތަކުން ވެސް އޭނާގެ މަޝްހޫރުކަން އިތުރުވެފައިވެއެވެ.