ރާއްޖޭގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޮޑު ރޯލެއް އަދާ ކުރަނީ އެމް ޑަބްލިޔުއެސްސީން ކަމަށް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ފެން ކުންފުނީގެ އެމްޑީ ޝާހު މިހެން ވިދާޅުވީ ފިރިހެނުންގެ ދުވަހާއި ދުނިޔޭގެ ފާޚާނާ ދުވަސް ފާހަގަކުރުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ ހަވީރު އެމްޑަބްލިޔުއެސްސީގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޝާހު ވިދާޅުވީ ކޮލެރާ ފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްވެ ރައްކާތެރިވުމަށް ހަރުދަނާ ނަރުދަމާ ނިޒާމެއް ގާއިމުވެފައި އޮތުމަކީ މުހިންމު ކަމެއް ކަމުގައެވެ.

ޝާހު ވިދާޅުވީ އެމްޑަބްލިޔުއެސްސީއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ނަރުދަމާ ނިޒާމްގެ ހިދުމަތް ދެމުން އަންނަ ކުންފުނި ކަމަށާއި މިހިދުމަތް ރައްކާތެރިކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ކުންފުނީގެ އެންމެ މުހިއްމު މަގުސަދު ކަމަށެވެ.

އަދި މި ހިދުމަތް ދިނުމުގައި އެކުންފުނީގެ ހީވާގި ފިރިހެން މުވައްޒަފުން ކުރަމުން އަންނަ ބުރަމަސައްކަތް ފާހަގަކޮށް އެމީހުނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގެ އަބާދީގެ ކުޑަބޮޑު މިނަކަށް ބެލުމެއް ނެތި ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް، ފޯރުކޮށް ދިނުމަކީ މިއަދުގެ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެއް ކަމަށެވެ.

ފިރިހެނުންގެ ދުވަހާއި ދުނިޔޭގެ ފާޚާނާ ދުވަސް ފާހަގަކުރުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ ހަވީރު އެމްޑަބްލިޔުއެސްސީގައި ބޭއްވި މި ހަފްލާގައި އެމްޑަބްލިޔުއެސްސީގެ ބޯޑް މެމްބަރުންނާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޗެއަރމަން މުހައްމަދު އަބްދުލްاﷲ އާއި ތިބާގެ ކޯ-ފައުންޑަރ މުޙައްމަދު މުސްތަފާ ފާރޫޤް އަދި އެމްޑަބްލިޔުއެސްސީގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި މި ހަފްލާގައި، ދުނިޔޭގެ ފާޚާނާ ދުވަހާ ގުޅުވައިގެން އެމްޑަބްލިޔުއެސްސީއިން ތައްޔާރު ކޮށްފައިވާ "ނަޒީމުގެ ވާހަކަ" ނެރެފައިވެއެވެ. މިއީ ނަރުދަމާ ނިޒާމް ސާފުކޮށް ރައްކާތެރިކަމާއެކު އެ ހިދުމަތް ދިނުމަށްޓަކައި އެކުންފުނީގެ މުވައްޒަފުން ކުރަމުން އަންނަ ބުރަ މަސައްކަތް އަގު ވަޒަން ކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ކުރު ވިޑިއޯ ފިލްމެކެވެ.

ބައިނަލްއަޤުވާމީ ފިރިހެނުންގެ ދުވަހާއި ފާޚާނާ ދުވަހަކީ ކޮންމެ އަހަރަކުވެސް 19 ނޮވެންބަރުގައި އދ އިން ފާހަގަކުރާ ދެ ދުވަހެވެ.